މޯލްޑިވިއަން އިން ލަންކާއަށްދާ ފްލައިޓުގެ ބުކިން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ފުލްވެއްޖެ

މޯލްޑިވިއަން ކަގޯ ފްލައިޓެއް/ ފޮޓޯ- މީސް މީޑިއާ

ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ މީހުން ބަލާ ދިއުމަށް މޯލްޑިވިއަންގެ ފްލައިޓުތަކެއް އެގައުމުތަކަށް ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށް ހާމަކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ލަންކާއަށް ދިއުމަށް ނިންމި ފްލައިޓުގެ ބުކިން ފުލްވެއްޖެއެވެ.

މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މާދަމާ ލަންކާއަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓުގެ ބުކިން މިހާރު ފުލްވެފައިވާ ކަމަށެވެ. އަދި އެފަދަ އިތުރު ފުރުސަތެއް އެ އެއާލައިނުން ކުރިޔަށް ގެންދާ ކަަމަށްވާނަމަ އެކަން އިއުލާން ކުރާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މޯލްޑިވިއަން އިން މީގެކުރިން ބުނީ އެ ދެ ގައުމުގައި ތިބި ދިވެހިން ގެނައުމަށް ފްލައިޓުތަކެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެގޮތުން ލަންކާގައި ތިބި ދިވެހިން ގެނައުމަށް ދެ ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށާއި ކޮޗިން އަށް ދަތުރު ކުރުމަށް އެއް ފްލައިޓު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ލަންކާ އަދި ކޮޗިންގައި ތިބި ދިވެހިން ބަލާ ދިއުމަށް މޯލްޑިވިއަންގެ ފްލައިޓެއް ދަތުރު ކުރުމަށް ނިންމާފައިވާއިރު މެލޭޝިޔާ އަދި އިންޑިއާގެ ޓްރިވެންޑްރަމްއަށް ވެސް އެ އެއާލައިނުން ވަނީ ފްލައިޓެއް ބޭއްވުމަށް ނިންމާފައެވެ. އެ ފްލައިޓަކީ އެ ގައުމުތަކުގައި ތިބި ދިވެހިން ބަލާ ދިއުމަށް ކުރާ ދަތުރެކެވެ.

މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އަދި ލަންކާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ އެއާލައިނުން އަންނަނީ ރާއްޖެއަށް މުދާ އެތެރެ ކުރުމަށް ކާގޯ ފްލައިޓެއް ވެސް ބާއްވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.