އާއްމު ހާލަތަށް ރުޖޫއުވުމުން، އިންތިހާބު ބާއްވަންޖެހޭ ގޮތަށް ބިލުގައި ހިމަނައިފި

މީގެކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ފޮށިތަކެއް ބަހައްޓާފައި ހުރި މަރުކަޒެއް: ފޮޓޯ / ސަން

ކޮވިޑް19 ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު މިއަހަރު ބޭއްވުމަށް ނިންމާފައިވާ ތާރީހު ފަސްކޮށް، ގައުމުގެ ހާލަތު އާއްމު ހާލަތަށް ރުޖޫއުވުމުން، އިންތިހާބު ބާއްވަންޖެހޭ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ބިލުގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އެ ބިލަކީ ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެ ނޫން ވެސް ޚާއްޞަ އުސޫލުތަކެއް އެކަށައެޅުމާއި ގުޅޭ ގޮތުން ސަރުކާރުން އެކުލަވާލި ބިލެކެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020″ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020އިން ހޮވޭ މެމްބަރުން މަޤާމާ ހަވާލުވުމުން އުވިގެންދާ ގޮތަށެވެ.

އެ ބިލުގައި ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021ގެ ނިޔަލަށް ބާއްވައި ނިންމަންވާނެ ކަމަށް ބުނެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020،އަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން 18 އޭޕްރީލް 2020ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްވެގެން ދާނެއެވެ. އެ އިންތިޚާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިޚާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިޚާބުވެފައިވާ ކެންޑިޑޭޓުން މަޤާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިޚާބު ބޭއްވުމަށްފަހު، އަލަށް އިންތިޚާބުވާ މެމްބަރުންނާއެކުގައި ކަމަށް އޭޖީ އޮފީހުން މަޖިލީހަށް ފޮނުވާފައިވާ ބިލުގައިވެއެވެ.

ބިލަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާޠިލުވާނެއެވެ. ސަސްޕެންޝަން ބާޠިލުވުމާ އެކު އެ މީހުން ކުރިން ތިބި މަޤާމަށް އަނބުރާ ރުޖޫޢަވާނެއެވެ. ނަމަވެސް އެ މީހުން ސިވިލް ސަރވިސްގެ ވަޒީފާއަށް ރުޖޫޢަވާ ހިސާބުން ފެށިގެން، އަލުން ސަސްޕެންޑްކުރެވެންދެން، އިންތިޚާބާ ގުޅޭ ގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މިއަދަކީ ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ނިންމި ތާރީހެވެ. ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިންނާއި ރާއްޖޭގެ ހާލަތަށް ބަލާ މި މަހުގެ 18ވަނަ ދުވަހަށް އެ ކޮމިޝަނުން އިންތިހާބު ފަސްކުރިއެވެ. ނަމަވެސް ކޮވިޑް19 ރާއްޖެއިން ފެނި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އިންތިހާބު ފަސް ކުރުމަށް ހައިކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އަދި އޭގެފަހުން ހައިކޯޓުން މައްސަލަ ނަގާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލައަށް ހައްލެއް ގެނެސް ދެވޭނީ މަޖިލިސް ތެރެއިން ކަމަށް ވާތީ ސުޕްރީމް ކޯޓުން ވެސް އެ މައްސަލަ ނެގިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.