ތައުލީމުދޭ ހުރިހާ ތަނެއް މެދުކަނޑާލަން އެޗްޕީއޭ އިން އަންގައިފި

ސްކޫލްތަކުގެ ދަރިވަރުން/ ފޮޓޯ- އަވަސް

ރާއްޖޭގައި ތަޢުލީމުދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) އިން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެރެފައިވާ އެންގުވުމެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ރާއްޖޭގައި ތަޢުލީމުދޭ ތަންތަން ވަގުތީގޮތުން މެދުކަނޑާލުމަށް އަންގާ ކަމަށެވެ. އޭގެތެރޭގައި ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައް ހިމެނެއެވެ.

މީގެއިތުރުން ރާއްޖޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި، ގޭގައި އާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތަކާއި އެހެނިހެން ތަޢުލީމުދޭ ކްލާސްތަކުގައި ކިޔަވައިދިނުންވެސް ކުރިޔަށް އޮތް އެއްހަފްތާގެ މުއްދަތަށް މެދުކަނޑާލުމަށް ޑިރެކްޓަރު ޖެނެރަލް ވަނީ އަންގަވާފައެެވެ.

އެ އެންގުމުގައި މައިމޫނާ ވަނީ އެ އެންގުމުގައި ބަޔާންކުރާ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކާއި އިދާރާތަކަށް އަންގާ ކަމަށެވެ. އަދި މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާއި ބެހޭ މުވައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށްވެސް އެ އެންގުމުގައި ވެއެވެ.

ރާއްޖޭގައި ކޮވިޑް19 ފެނި ބައެއް މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ސަރުކާރުން ވަނީ އެކަމާއި ގުޅިގެން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 17:00އިން 20:00އަށް ކާފިއު ހިންގަމުން އަންނައިރު ރާއްޖޭގައި މިދިޔަ މަހުގެ 12ވަނަ ދުވަހުން ފެށިގެން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.