ކާފިއުގެ ވަގުތުގައި މިއަދު ބޭރު ތެރޭގައި އުޅުނު މީހުން އިއްޔެއަށްވުރެ އިތުރުވެއްޖެ

މީގެކުރިން މާލެ ސިޓީގައި ހިންގި ކާފިއުގެ ވަގުތުގައި މަގުތަކަށް ނިކުމެ އުޅުނު މީހުން ހުއްޓުވާ ނަސޭހަތް ދެނީ: ފޮޓޯ / ޕޮލިސް

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މިއަދު ހަވީރު ކާފިއު އިއުލާންކޮށްފައި އޮތް ވަގުތުގެ ތެރޭގައި މަގުތަކަށް ނިކުތް މީހުންގެ އަދަދު އިއްޔެ އަށް ވުރެ އެތައް ގުނައެއް އިތުރުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ކާފިއު އިއުލާން ކޮށްފައި އޮތް ގަޑިތަކުގައި 284 މީހުން މަގުމައްޗަށް ނިކުތް ކަމަށެވެ. ނަމަވެސް އިއްޔެ މަގުމައްޗަށް ނިކުމެގެން ފުލުހުން ނަސޭހަތް ދިނީ 95 މީހުންނަށެވެ.

ހުޅުމާލެއިން އިއްޔެ  11 މީހަކަށް ނަސޭހަތް ދިން އިރު މިއަދު ހުޅުމާލެއިން 67 މީހަކަށް ނަސޭހަތް ވަނީ ދީފައެވެ. ވިލިމާލެއިން އިއްޔެ 9 މީހަކަށް ނަސޭހަތް ދިން އިރު މިއަދު 25 މީހަކަށް ނަސޭހަތް ދީފައިވެއެވެ. މުޅި ޖުމްލަ 379 މީހަކަށް ނަސޭހަތް ދިންއިރު އޭގެތެރެއިން 333 މީހުންނަކީ ދިވެހިންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މާދަމާއިން ފެށިގެން އެގޮތަށް އަމަލުކުރާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މިދިޔަ މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 ޖަހާއިރުން ފެށިގެން ރޭގަނޑު 20:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ. އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށެވެ. މީގެ އިތުރުން އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ކާފިއުއެއް ހިންގާ ފުރަތަމަ ފަހަރެވެ. އަދި މި ހާލަތުގައި އެއްވެސް ފަރާތެއް ގެއިން ބޭރަށް ނިކުމެ ނޫޅުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.