ކަރަންޓީންގައި ތިބި 49 މީހެއް އަންނަނީ ޓެސްޓު ކުރަމުން، ނަތީޖާ ރަނގަޅު ނަމަ ދޫކޮށްލާނެ

ކަރަންޓީން ފެސިލިޓީއެއް---

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 49 ފަރާތެއް ކޮވިޑް19 އަށް ޓެސްޓު ކުރަމުން އަންނަ ކަމަށާއި އަދި ނަތީޖާ ނެގަޓިވް ނަމަ މާދަމާ އެ މީހުން ދޫކޮށްލާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް އިން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ ކޮވިޑް19 އަށް ކުރާ ޓެސްޓުގެ ނަތީޖާ ނެގެޓިވްވާ ހުރިހާ އެންމެން ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް އެމީހުން ދޫކޮށްލާއިރު ބަލާ އާދެވޭނީ އާއިލާގެ ތެރެއިން އެންމެ މީހަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. ސަބަބަކީ އެމީހުން ގެންދާ ސަރަހައްދު ތޮއްޖެހުމުން ކުޑަ ކުރުމަށެވެ.

މަބްރޫކް ވިދާޅުވީ ކަރަންޓީނުން ދޫކޮށްލާ މީހުން ގެންދާ ތަނާއި އެމީހުން ބަލާ ދާންވީ ތަން އެޗްޕީއޭގެ ފަރާތުން އާއިލާއަށް އަންގާނެ ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި 881 މީހަކު އެބަ ތިއްބެވެ.

މުޅި ރާއްޖެއިން މި ބައްޔަށް 19 މީހަކު ޕޮޒިޓިވްވިއިރު އެމީހުންގެ ތެރެއިން މިހާތަނަށް ހަތަރު ދިވެއްސަކު ވެސް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް ދިވެހިންގެ ހާލަތުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ. މި ބައްޔަށް ޕޮޒިޓިވްވި 13 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.