ރާއްޖެއިން ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާ މަނަވަރުތައް އޮތީ ތައްޔާރަށް!

އިންޑިއާގެ އަސްކަރީ އުޅަނދުތައް/ ފޮޓޯ- ފޭސްބުކް

ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން އަވަށްޓެރި އިންޑިއާގެ އަސްކަރީ އުޅަނދުތައް ތިބީ އެގައުމުގެ އަވަށްޓެރި ގައުމުތަކަށް އެހީތެރިވުމަށް ތައްޔާރަށެވެ.

އިންޑިއާއިން ވަނީ އަވަށްޓެރި ގައުމުތަކަށް މިދަނޑިވަޅުގައި ދިމާވެދާނެ ކޮންމެ ފަދަ ކަމަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި، އެކަމަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ އަސްކަރީ އުޅަނދުތަކުގެ ތެރެއިން 6 ބޯޓެއް މިހާރުވެސް އޮތީ ތައްޔާރަށެވެ. ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދަނޑިވަޅުގައި ބޭނުން ވެދާނެ ސިއްހީ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެކަމަށް ހާއްސަ މެޑިކަލް ޓީމެއްވެސް އެކުލަވާލާފައެވެ.

އެގޮތުން މި މެޑިކަލް ޓީމްގެ އެހީތެރިކަން ރާއްޖެ، ސްރީ ލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫތާން އަދި އަފްގާނިސްތާނަށް އެހީތެރިވުމަށް އޮތީ ތައްޔާރަށް ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ހަމައެކަނި މިދިޔަ މަހުގެ 30 ވަނަ ދުވަހުވެސް އިންޑިއާ ސަރުކާރުން ވަނީ އެ ގައުމުގެ އެހީގައި ނޭޕާލްއަށް ބޭހުގެ ސިޕްމަންޓެއް ފޮނުވާފައެވެ.

މިދިޔަ މާޗް މަހުގެ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ސާކްގެ ގައުމުތަކަށް ކޮވިޑް19 އިން އަރައިގަތުމަށް ކުރެވޭނެ ކަންކަމާއި ބެހޭ ގޮތުން ޕްރޮޕޯޒަލްއެއްވެސް ހުށަހަޅާފައެވެ. މީގެ އިތުރަށް އިންޑިއާ ސަރުކަރުންވަނީ ކޮވިޑް19 އާއި ގުޅިގެން އިމްޖެންސީ ފަންޑެއްވެސް އެކުލަވާލާފައެވެ. މި އިމަޖެންސީ ފަންޑަށް އިންޑިއާގެ ސަރުކަރުން ވަނީ 10 މިލިއަން ޔޫއެސް ޑޮލަރު ހަދިޔާ ކުރާއްވާފައެވެ. މި ފަންޑަކީ ކޮވިޑް19 އާއި ގުޅިގެން ސާކްގެ އެއްވެސް ގައުމަކަށް ކުއްލި ހާލަތުގައި ފައިސާގެ އެހީތެރިކަން ބޭނުންވެއްޖެ ނަމަ އެކަމަށް ހުޅުވި ފަންޑެކެވެ.

މި ފަންޑަށް ޕާކިސްތާންގެ އިތުރުން އެހެނިހެން ގައުމުތަކުވެސް ފައިސާ ހައިދާކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދިވެހި ސަރުކާރުން ވަނީ މި ފަންޑަސް 2 ލައްކަ ޔޫއެސް ޑޮލަރު ހަދިޔާކުރަން ނިންމާފައެވެ. އަދި ސްރީލަންކައިން 5 މިލިއަން ޑޮލަރު، ބަންގްލަދޭޝްއިން 1.5 މިލިއަން ޑޮލަރު، ނޭޕާލް އިން 1 މިލިއަން ޑޮލަރު، އަފްގާނިސްތާނުން 1 މިލިއަން ޑޮލަރު އަދި ބޫތާނުންވަނީ 1 ލައްކަ ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ. މުޅި ޖުމްލަ މި ފަންޑުގައި މިހާތަނަށް 18.3 މިލިއަން ޔޫއެސް ޑޮލަރު އެބަ ހުއްޓެވެ.

ސާކްގެ ގައުމުތަކުގެ މެދުގައި ބޭއްވުނު ވީޑިއޯ ކޮންފެރެންސަށް ފަހު އެގައުމުތަކުގައި ސިއްހީ މާހިރުން ވަނީ ވީޑިއޯ ކޮންފެރެންސްގެ ޒަރިއްޔާއިން އެކަކު އަނެކަކާ މަޝްވަރާ ކުރައްވައި އިތުރަށް ގުޅުން ބަދަހި ކޮށްފައެވެ. އަދި ކުރިއަށް އޮތްތާ ސާކްގެ ގައުމުތަކުގެ އެކި މިނިސްޓްރީ ތަކުންވެސް މިފަދައިން ގުޅުއްވާ މަޝްވަރާ ކުރައްވަން ވަނީ ނިންމާފައެވެ.

މީގެ އިތުރަށްވެސް އިންޑިއާގެ ސަރުކާރުން ވަނީ އެންމެ ބޮޑަށް ކޮވިޑް19 ފެތުރުނު ގައުމެއް ކަމަށްވާ، ޗައިނަގެ ވުހާން ސިޓީގައި ތިބި ސައުތް އޭޝިއާގެ އެކި ގައުމުތަކަށް ނިސްބަތްވާ ފަރާތްތައް އެ ގައުމުތަކަށް ފޮނުވުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިއާއިން ވަނީ ވުހާން ސިޓި އިން ބަންގްލަދޭޝްގެ 23 ރައްޔިތަކާއި، ރާއްޖޭގެ 9 މީހުން، އަދި ޖަޕާނުގައި ކަރަންޓީން ކުރި ޑަޔަމަން ޕްރިންސެސް ނަމަކަށް ކިޔާ ބޯޓުން ނޭޕާލުގެ މީހަކާއި ލަންކަގެ 2 މީހަކު އަނބުރާ އެމީހުންގެ ގައުމަށް ފޮނުވުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އިންޑިއާގެ މަނަވަރުތައް އަބަދުވެސް އޮންނާނީ ރާއްޖެއަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ތައްޔާރަށް ކަމަށް ބުނެފައިވާއިރު އެގައުމުގެ އަސްކަރީ މަތިންދާ ބޯޓެއްގެ އެހީތެރިކަމާއި އެކުގައި ރާއްޖެއަށް އިއްޔެ ވަނީ ބޭހުގެ ޝިޕްމަންޓެއް ވެސް ގެނެސްދީފައެވެ. އިންޑިއާއިން އަންނަނީ ކޮވިޑް19 ގެ މި ހާލަތުގައި ރާއްޖެއަށް ބޮޑެތި އަދި ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން އެގައުމު ވެސް މި ބަލީގެ ސަބަބުން ލޮކްޑައުން ކޮށްފައިވީ ނަމަވެސް ރާއްޖެއަށް ދެމުން ގެންދާ އެހީތަކަކަށް ނިމުމެއް ނުގެނެއެވެ. އެގޮތުން އެސްޓީއޯ އިން ގަނެފައިވާ ކާޑުގެ ބާވަތްތަކާއި އަދިވެސް އެހެނިހެން ބޭހުގެ ބާވަތްތައް ވެސް އެ ގައުމުން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *