ކޮވިޑް19: އާއިލާއާ ވަކިން ލަންކާގައި ދިރިއުޅޭ ދިވެހި މައެއްގެ ތަޖުރިބާ!

ލަންކާގެ މަގެއްގެ މަތީގައި އަންހެނަކު ހިނގާފައި ދަނީ-

ދިވެހިންގެ ތެރޭގައި އެތައް ބަޔަކު ރާއްޖޭގެ އެކި ގައުމުތަކުގައި ދިރިއުޅެމުން އެބަދެއެވެ. އެމީހުން ރާއްޖެ ދޫކޮށް ބޭރު ގައުމުތަކަށް ދިރިއުޅުން ބަދަލު ކޮށްފައި ވަނީ ތަފާތު އެކިއެކި ސަބަބު ތަކަށްޓަކައެވެ. ބައެއް ފަރާތްތަކުން ބޭރު ގައުމަކުން ރަނގަޅު މުސާރައަކާއި އެކުގައި ވަޒީފާއެއް ހަމަ ޖެހުމުން ގައުމު ދޫކޮށް ދަނީއެވެ. އެނބުރި ގައުމަށް އަންނަނީ ލިބޭ ޗުއްޓީ އެއްގައެވެ. އަނެއް ބަޔަކު ރާއްޖޭގެ ކަންކަން ހުންނަ ގޮތުން ރާއްޖެ މަތިން ފޫހިވެގެން ވެސް ގޮސް އުޅެއެވެ. ނަމަވެސް އެއީ ހާހަކުން މަދު ބައެކެވެ. ގިނަ މީހުން ރާއްޖެއިން ބޭރަށް ދަނީ ދަރިންނަށް ކިޔަވައި ދިނުމާއި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވެފައި އޮތުމާއި ސިއްހީ ގޮތުން ބޮޑެތި ބަލިތަކަށް އަބަދު ފަރުވާ ކުރަންޖެހޭތީ އެކަންކަން ރާއްޖެއިން ނުކުރެވޭތީއެވެ. އެކި މީހުންގެ އެކި ސަބަބުތައް ހުންނާނެއެވެ. އެންމެންގެ ސަބަބުތައް އެއް ގޮތެއް ނުވާނެއެވެ. އެންމެންގެ ހާލަތުވެސް އެއް ގޮތެއް ނުވާނެއެވެ.

ކޮންމެއަކަސް ދުނިޔެމަތީގައި ކަންކަން މާދަމާ ބަދަލުވެގެން ދާނީ ކޮންފަދަ ގޮތަކަށް ކަމެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. މިއަދު ދުނިޔެއަށް މިއޮތީ އެފަދަ ކަމެއް ދިމާވެފައެވެ. ކޮވިޑް19 ގެ ނުރައްކާތެރި ޖަރާސީމުން މުޅި ދުނިޔެ "ހޭ އަރުވާލައިފި" އެވެ. އެންމެ މުއްސަނދި އެންމެ ތަނަވަސް ގައުމުތައް ވެސް "ކުޑަކަކޫ" ޖަހާ ހަދާނެ ގޮތެއް ނޭނގޭ ހިސާބަށް ގޮސްފިއެވެ.

މިކަން މިހެން ދިމާވިއިރު މި ބަލިތައް ބޮޑަށް ފެތުރިފައިވާ އެތައް ގައުމެއްގައި ދިވެހިންގެ އެތައް ރައްޔިތުންތަކެއް ދިރިއުޅެއެވެ. ބައެއް ގައުމުތައް ލޮކްޑައުންކޮށް ކާފިއު ހިންގަމުން އަންނައިރު އެކަން ކަމުގެ ދަތި އުނދަގޫތައް އެންމެ ބޮޑަށް ތަހައްމަލު ކުރާނެ ބަޔަކީ ހަމަގައިމުވެސް ގައުމުން ބޭރު މީހުންނެވެ.

މި ހާލަތު މުޅި ދުނިޔެއަށް ދިމާވެފައިވާއިރު މިއަދު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެމީހުންގެ އާއިލާތަކަށް އެއްވެސް އެއްޗެއް ފޮނުވޭ ގޮތެއް ނުވެއެވެ. މިދަނޑިވަޅަކީ މިފަހުގެ ތާރީހެއްގައި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ހިތާމަވެރި ދަނޑިވަޅެވެ. ނަމަވެސް ސުވާލަކީ މި ކަންކަން އައުމުގެ މާ ކުރިން ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުން ރާއްޖެ ދޫކޮށް އެހެން ގައުމެއްގައި ދިރިއުޅެން ފެށުމަކީ އެމީހުންނަށް ކުރެވުނު ކުށަކީ ހެއްޔެވެ. ބައެއް ފަރާތްތަކުން އެމީހުންނަށް ގުޅާ ރާއްޖެ ދޫކޮށް ބޭރު ގައުމަކަށް ދިރިއުޅުން ބަދަލުކުރީ ކީއްވެގެންތޯ އަންނަނީ ސުވާލު ކުރަމުންނެވެ.

"ވަރަށް ގިނަ ދިވެހިން އަހާ ލަންކާއަށް ބަދަލުވީ ކޮން ބޭނުމަކުހޭ. އަދި އަމިއްލަޔަކަށް ނޫންހޭ އެ ގައުމަށް އައިސްގެން އުޅެނީ. ގިނަ ދިވެހިން ލަންކާއަށް އެމީހުންގެ ދިރިއުޅުން ބަދަލު ކުރަންޖެހެނީ، ނުވަތަ ދަތުރު ކުރަންޖެހެނީ ހިތް މޮޅު ދިރިއުޅުމެއް ހޯދާކަށް ނޫން. މަޖުބޫރުވެގެން ބަދަލުވީ. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ފަރުވާ ހޯދުމުގެ ނިޔަތުގައި ބަދަލުވީ،" ހަތާވީސް އޮންލައިނާއި ވާހަކަ ދެއްކި މީހަކު ބުންޏެވެ. އެމީހާއަކީ ލަންކާގައި ދިރިއުޅެމުން އަންނަ ދިވެއްސެކެވެ.

އޭނާ ބުނީ ރާއްޖޭގައިދޭ ތެރެޕީތަކުގެ ކިއު ބޮޑުވެ، އެ ފަރުވާ ހޯދުމަށް ދެވޭ އަގު އުފުލި ލިބެންޖެހޭ އެންމެ ފުރިހަމަ ހިދުމަތެއް ނުލިބޭ ކަމަށެވެ. އަދި އެޕޮއިންޓްމަންޓް ހައްދަން ވެއިޓިން ލިސްޓުގަވެސް މަސް ދުވަހަށް ވުރެން ގިނަ ދުވަހު މަޑު ކުރަންޖެހޭ ކަމަށެވެ. އަދި މިހެން ދުވަސްތައް ގުނަމުން ދާއިރު އެކުދިންގެ އުޅުމަށް އަންނަ ބަދަލުތަކަށް ކެތް ނުކުރެވޭ ހާލަތުވެސް އަންނަ ކަމަށް ވަރަށް ހިތާމައާއެކު އޭނާ ކިޔައިދިނެވެ.

"މި ސަބަބަށްޓަކައި ކުއްޖާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައި ދިނުމުގެ ނިޔަތުގައި ދިރިއުޅުން ލަންކާއަށް ބަދަލު ކުރީ. އަދި ރާއްޖެއާއި އަޅާ ބަލާއިރު، ލަންކާގައި އެކުދިންނަށް ބޭނުންވާ ތެރަޕީތައް ފަސޭހަ ކަމާއެކު އަގު ހެޔޮކޮށް ލިބޭ. އަދި ކުއްޖާގެ ހާލަތަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭ" އޭނާ ބުންޏެވެ.

އޭނާގެ ލޯބިވާ އާއިލާ އަދި ފިރިމީހާ ދޫކޮށްފައި، ބޭރު ގައުމެއްގަ އެކަނިމާ އެކަނި ކުދިން ގޮވައިގެން އުޅެނީ ދަރިން ހައްގުގައެވެ. ނަމަވެސް މިއަދު ލަންކާގެ ހާލަތު ހުރި ގޮތުން އެގައުމުގައި އެކަނި ދިރިއުޅޭ މައިން އުޅޭނީ ވަރަށް ހާލުގައެވެ. އެގޮތުން ހާއްސަ އެހީއަށް ބެނުންވާ ކުދިން ގޭގައި އަބަދު ގެންގުޅެން ޖެހުމުން ކުދިންނަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައިވާއިރު ނިދުމާއި، ކެއުމާއި އަދި ކުދިންގެ އެހެނިހެން ކަންތައްތައްވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. އަދި އެ ހާލަތުގައި އެ ދަރިންނާއި ހުދު އޭނާވެސް މިހާރު ލަންކާގައި ދިރިއުޅެމުން ދަނީ ވަރަށް ބޮޑު ގޮންޖެހުމެއް ތެރޭގައި ކަމަށް ބުނެފައި ވެއެވެ.

"އެންމެ ދެރަވަނީ މިހާލަތުގައި ބަލިވެ ކަމެއް ވެއްޖެނަމަ އެ ދަރިންނަށް ލިބޭނެ ނިކަމެތިކަން ހިތައް އަރާފައި. އެކަނި އުޅުނު ކަމުގައިވީ ނަމަވެސް ކުރީގައި ބަލިވެގެން އެންގުމުން އާއިލާ މެންބަރަކަށް ނުވަތަ ފިރިމީހާއަށް އާދެވޭ. ނަމަވެސް މިހާލަތުގައި ލަންކާއަށް ދާން ބޭނުން ވިޔަސް އެކަކަށްވެސް ނާދެވޭ. އެ ދަރިންނަށް ލިބޭނެ ނިކަމެތިކަމާއި ދޭތެރޭ ވަރަށް ވިސްނޭ. އެކަން ވިސްނާ ކޮންމެ ފަހަރަކު ރޮވޭ" ހިތްދަތިކަމާއި އެކުގައި މި ދަނޑިވަޅުގައި އުޅެމުން އަންނަ އެ ދިވެހި މީހާ ބުންޏެވެ.

ސަރުކާރުން ވަނީ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ކާގޯ ފްލައިޓްތަކެއް ހަމަޖެއްސުމަށް ނިންމާފައި ކަމަށާއި، ނަމަވެސް އެ ފޮނުވާ ތަކެތި ލިބޭނީ ކޮން ދުވަހަކުން ކަމެއް ބުނެދޭކަށް ނޭނގެއެވެ. ސަބަބަކީ ކާފިއުގެ ވަގުތަށްވުމުން ޑެލިވަރީ ކުރުމުގަ ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެތީއެވެ.

ކޮންމެއަކަސް މި ހާލަތު ދިގު ދެމިގެން ދާނީ ކޮން ދުވަހަކު ކަމެއް ނޭނގެއެވެ. ﷲގެ ރަހުމަތްފުޅުން މާދަމާ އަލިވިލޭނީ މިކަމުން މިންޖުވެގެން ކަމެއް ވެސް ނޭނގެއެވެ. ނަމަވެސް މިއީ ލަންކާގައި އެކަނި ދިރިއުޅޭ މީހުންނަށް ކުރިމަތި ވަމުން އަންނަ ދަތިތަކެއް ނޫނެވެ. ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ އެތައް ކުދިން ތަކަކަށްވެސް މިއަދު ވަނީ މި ތަކުލީފު އުފުލަން ޖެހިފައެވެ.

ސަރުކާރުން އަންނަނީ ގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ގާތުން ބަލަމުން ކަމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ސަރުކާރަށް މި ހާލަތުގައި ދެވެން އޮތް އެހީތެރިކަމެއް ވެސް އަންނަނީ ފޯރުވެސް ކޮށްދެމުންނެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުވެސް "ގަދަ" ވާނީ ރާއްޖެއަށެވެ. އެހެން ގައުމުތަކުގެ ގާނޫނުތަކާއި ގަވާއިދުތަކަކީ ރާއްޖެއިން ވެސް އެކަމަށް އިހުތިރާމު ކުރަންޖެހޭނެ ކަންތައްތަކެވެ. އެހެންކަމުން ދިވެހިން ކިތަންމެ ބޭނުންވިއަސް ވެސް ބޭނުންވާހާ އަވަސް މިނެއްގައިވެސް ކަންކަން ނުވެދާނެއެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރުމަކީ ކުށެއް ނޫނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.