ކޮވިޑް19: ވޯލްޑް ބޭންކުން ރާއްޖެއަށް 7.3 މިލިއަން ޑޮލަރުގެ އެހީއެއް

ވޯލްޑް ބޭންކް --

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން އެކަމުން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ވޯލްޑް ބޭންކް އިން ރާއްޖެއަށް 7.3 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

"މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ޕްރިޕެއާޑްނެސް ޕްރޮޖެކްޓް"އާ ގުޅޭގޮތުން އެ ބޭންކުން ނެރުނު ބަޔާނެއްގައި ވަނީ އެ މަޝްރޫއުގެ އިތުރުން، ކުރިމަތިވާ ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށްޓަކައި ދިވެހިރާއްޖެއާ އެކު 2019 ވަނަ އަހަރު ސޮއިކޮށްފައިވާ، "ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން"، ކެޓް ޑީޑީއޯ ގެ ދަށުން، 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ވެސް ދިވެހިރާއްޖެއަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.

އަވަސް އެހީގެ ގޮތުގައި ދޭ 7.3 މިލިއަން ޑޮލަރުގެ ޕެކޭޖުގެ ދަށުން، ކޮވިޑް19 ބަލި ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ދިނުމަށާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރެވޭ އާލާތްތަކާއި ސިއްހީ ފަރުވާ ދިނުމަށް ބޭނުންކުރެވޭ ތަކެތި ހޯދުމަށާއި، ބާރުބޮޑުވާ ހާލަތްތަކުގައި ވެސް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދެވޭކަން ކަށަވަރުކުރުމުގައި ހޮސްޕިޓަލްތަކަށް އެހީތެރިވުމާއި، ކޮވިޑް19 ދެނެގަތުމަށްޓަކައި މާލެ އާއި އަތޮޅުތަކުގައި ހުރި ލެބޯޓްރީތަކުގެ ގާބިލްކަން އިތުރުކުރުމަށާއި، އަދި ކޮވިޑް19 ޖެހޭ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން ތަމްރީންކުރުމުގައި ދިވެހިރާއްޖެ އަށް އެހީތެރިވެދެވޭނެ ކަމަށް ވޯލްޑް ބޭންކުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ތޮއްޖެހިފައިވުމުގެ ސަބަބުން ބަލި ފެތުރިގެންދިއުމުގެ ފުރުސަތު އެންމެ ބޮޑު ސަރަޙައްދު ކަމަށްވާ މާލެއަށް ާއްސަ ސަމާލުކަމެއް ދީގެން، އާއްމުން ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމައުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށާއި އެ ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތަކަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނީ، ކޮވިޑް19 އާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވެމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް ވޯލްޑް ބޭންކް ގްރޫޕުން ކަނޑައަޅާފައިވާ އަވަސް އެހީގެ ފެސިލިޓީގެ ދަށުން، ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން، އައިޑީއޭ އިންނެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ވޯލްޑް ބޭންކުން ދިވެހިރާއްޖޭގައި މިހާރު ވެސް ކުރިއަށްގެންދާ މަޝްރޫއުތަކުގައި ޝާމިލްވާ ފަރާތްތަކުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ހެލްތުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *