އަމުރަށް ކިޔަމަންވުމުގައި މާލެ ސަރަހައްދުގެ ރައްޔިތުން ދެއްކީ ރީތި ނަމޫނާއެއް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު --

ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން އެ ބައްޔަށް ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި މިއަދު ހިންގި ކާފިއުގެ ވަގުތުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދައްކުވައި ދީފައިވަނީ ރީތި ނަމޫނާއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ ކާފިއުގެ ވަގުތުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޖުމްލަ ގޮތެއްގައި މިފަދަ ހާލަތްތަކުގައި ދައްކާފައިވަނީ އަމުރަށް ކިޔަމަންވުމުގެ ރީތި ނަމޫނާއެއް ކަމަށެވެ. ކުރިޔަށް އޮތްތަނުގައި ވެސް އެގޮތަށް އަމަލުތައް ބެހެއްޓުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެއިތުރުން މަގުމަތި ޕެޓްރޯލް ކުރުމުގައި ނިކުތް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި މަގުމަތީގައި ހަރަކާތްތެރިވި 112 ފުލުހުންގެ ފަރާތުން، އަމުރަށް ކިޔަމަންތެރިވި މީހުންނަށް ނަސޭހަތް ދިނުމުގައި ފެނިގެން ދިޔައީ ޕްރޮފެޝަނަލްކަން ކަމަށާއި އެބޭފުޅުންގެ މަސައްކަތަށް ސާބަސް ދަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ އޭޕްރީލް ދެވަނަ ދުވަހުގެ ހަވީރު 17:00 ޖަހާއިރުން ފެށިގެން ރޭގަނޑު 20:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ.

އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށެވެ. މީގެ އިތުރުން އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.