އެންގި ގޮތަށް ކިޔަމަންވެ، މަގުތަށް އެއްކޮށް ފަޅުކޮށްފި

މާލޭގެ ކާރުބާރު ބޮޑު ޗާންދަނީ މަގު ފަޅަށް: ފޮޓޯ / ޕޮލިސް މީޑިއާ

މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް މާލެ ސިޓީ ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކަށް ވަކި ވަގުތެއްގައި ނިކުމެ އުޅުމާއި އުޅަނދުތައް ދުއްވުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގުވުމަށް ކިޔަންމެ ހަލަބޮލި މާލޭގެ މަގުތައް އެއްކޮށް ފަޅު ކޮށްލައިފިއެވެ.

މިދިޔަ މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 ޖަހާއިރުން ފެށިގެން ރޭގަނޑު 20:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ. އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށެވެ. މީގެ އިތުރުން އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ކާފިއުއެއް ހިންގާ ފުރަތަމަ ފަހަރެވެ. އަދި މި ހާލަތުގައި އެއްވެސް ފަރާތެއް ގެއިން ބޭރަށް ނިކުމެ ނޫޅުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެ އެންގުމުގައި މަގުތަކަށް ނިކުމެ އުޅުމުގައި އިސްތިސްނާވާ ފަރާތްތަކެއްވެއެވެ.

މި ހާލަތުގައި އިސްތިސްނާވާ ފަރާތްތައް:

*ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންްނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

*ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

*ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

*އުރީދޫ، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

*ދައުލަތުގެ “ޖީ” ބޯޑު ހަރުކޮށްފައިވާ އުޅަނދުފަހަރ

*ޑިޕްލޮމެޓިކް އުޅަނދުފަހަރު

*އެމްބިއުލާންސް

*ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް

*ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

*އެޗްޕީއޭ އިން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ވަނީ އެކަމަނާގެ އެ އެންގުމަށް ހުރިހާ ފަރާތްތަކުން ވެސް ތަބާވުމަށް އިލްތިމާސް ކުރައްވާފައެވެ. އެކަމަނާ މިފަދައިން އަންގާ އެންގުންތަކަށް ނުވަތަ އަމުރުތަކާއި ހިލާފުވުމަކީ ގާނޫނީ ކުށެކެވެ. މިހާރުވެސް އެކަމަނާގެ އެންގުންތަކާއި ހިލާފުވެގެން އެތައް ބަޔަކު ހައްޔަރުކޮށްފައިވާއިރު އެކަކަށް ވަނީ ދައުވާވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *