އިންޑިއާގެ އެކި ސިޓީތަކުގައި ރާއްޖެއަށް ނުގެނެވި، ހުރި ބޭސްތައް އިންޑިއާ ސަރުކާރުގެ އެހީގައި މިއަދު ރާއްޖެއަށް ގެނެސްފިއެވެ.
މިބޭސްތަކަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޯޑަރު ކޮށްފައިވާ ބޭހުގެ ބާވަތްތަކެވެ. މިއަދު ރާއްޖެއަށް ގެނެސްފައިވަނީ 6.2 ޓަނުގެ ބޭހެވެ.
މި ބޭހުގެ ތެރޭގައި ކޮވިޑް19ގެ ފަރުވާއަށް ބޭނުން ކުރެވޭ ބޭހުގެ ބާވަތްތަކާއި، ހޮސްޕިޓަލްތަކުގައި ބޭނުންކުރަން ޖެހޭ ޒަރޫރީ ބައެއް މުހިއްމު ބޭސްތައް ހިމެނެއެވެ. މި ބޭސްތައް އިންޑިއާގެ އެކި ސިޓީތަކުން ނަގައި، ރާއްޖެއާއި ހަމަށް ގެނެސްދީ ފައިވަނީ އިންޑިއާ އަސްކަރިއްޔާގެ އެހީތެރި ކަމާއެކުގައެވެ.
މިނޫނަސް އިންޑިއާއިން ވަނީ ރާއްޖެއަށް އެކި ފަހަރު މަތިން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިއާއިން ވަނީ ރާއްޖެއަށް ކާޑުގެ ޝިޕްމަންޓެއްވެސް ފޮނުވާފައެވެ. އަދި 3 މަހަށް ވާވަރަށް ރާއްޖެއަށް ބޭހުގެ ޝިޕްމަންޓެއްވެސް ފޮނުވާފައެވެ. މީގެއިތުރުން ކޮވިޑް19 އާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި އިންޑިއާގެ މެޑިކަލް ޓީމެއްވެސް ރާއްޖެ ފޮނުވާފައެވެ.