ވައުދުތައް އަލުން ރިވައިޒް ކުރަންޖެހޭ: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ: ފޮޓޯ / މަޖިލިސް

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އެކަމުން ލިބިފައިވާ ހީނަރުކަމުގެ ސަބަބުން ސަރުކާރުގެ މެނިފެސްޓޯގައިވާ ވައުދުތައް އަލުން ރިވައިޒް ކުރަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގައި ބޭއް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން ދުނިޔޭގެ ކަމާއިބެހޭ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާގެ މަތީިން މަޖިލީހުން ހާއްސަ ތަސައްވުރެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިއަދުގެ ހާލަތު މިއޮތީ ކުރިން ހީކުރި ގޮތާއި ހިލާފަށް ކަމަށާއި އެހެންކަމުން ސަރުކާރާއި އެމްޑީޕީގެ މެނިފެސްޓޯއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ބައިވަރު އެތައް ބައެއްގެ ވަޒީފާތައް ގެއްލިއްޖެ. އެމީހުންނަށް އުޅެވޭނެ ގޮތެއް ހޯދައި ދިނުމުގެ ބޭނުންތެރިކަން ވަރަށް ބޮޑު. އެއީ މި ޕެކޭޖުގައި ނުވަތަ މަޖިލީހުން ދޭ ލަފާގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް އަދި އާމްދަނީ ގެއްލުނު ފަރާތްތަކަށް ގުޅޭ ގޮތުން ގެންގުޅެވިދާނެ ސިޔާސަތެއްގެ ލަފާ އިރާދަކުރެއްވިއްޔާ ކޮމެޓީތަކުގެ މަސައްކަތްތަކާއި އެކީގައި އަޅުގަނޑުމެންނަށް ލިބިގެންދާނެ،" ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މިހާލަތަކީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތެއްކަމުން މިހާލަތުން އަރައިގަތުމަށްޓަކައި ރަނގަޅު ދިރާސާތަކެއްކޮށް އެ ދިރާސާތަކުން ފާހަނގަވާކަންކަން ރަނގަޅުކުރުމަކީ މިދަނޑިވަޅުގައި ކުރުން މުހިންމު ކަމެއް ކަމަށެވެ. މިހާތަލުގައި ރާއްޖޭގެ އާމްދަނީ އިންތިހާއަށް މަދުވެގެންދާނެކަން ރައްޔިތުންވެސް ޤަބޫލުކުރައްވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ހުރަސްތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކޮށް ރައްޖޭގެ އިޤްތިޞާދު ކޮޅަށްޖެހޭނެ ގޮތްތަކެއް ހޯދުމަކީ މިދަނދިވަޅުގައި މުހިންމުކަމެއްކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ނަޝީދު ވަނީ ކޮވިޑް19 ގެ ސަބަބުން އިގްތިސޯދީ ހީނަރުކަމުން ރާއްޖެ އަރައިގަންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި ހާލަތުން އަރައިގަންނަ އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.