ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލަން މެންބަރު ވިސާމް ގޮވާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާތީ ސިވިލް ސާވިސް ކޮމިޝަނުން ވަޒީފާއިން ސަސްޕެންޑު ކޮށްފައިވާ މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ގޮވާލައްވައިފިއެވެ.

ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން 69 ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން 70 އަދި ޕީޕީއެމްއިން 43 ސިވިލް ސާވަންޓުން ވާދަކުރައެވެ. ޖޭޕީގެ ފަރާތުން 14 އަދާލަތު ޕާޓީން  05 އަދި އެމްޑީއޭއިން ސިވިލް ސާވަންޓުން ތިން ސިިވިލް ސާވަންޓުން ކައުންސިލް އިންތިހާބުގައި ވާދަކުރެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ވިސާމް ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު މީގެކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތް ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ފަސްކުރެވިފައިވުމުން އިންތިހާބުގައި ވާދަކުރާ ސިވިލްސާވެންޓުން ސަސްޕެންޝަނުގައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެތައް ސިވިލް ސާވަންޓުންނެއް ސަސްޕެންޝަނުގައި ތިބިކަން ފާހަގަކޮށް ވިސާމް ވަނީ އެއީ އެތައް އާއިލާއަކަށް ލިބިގެންދާ ހިތްދަތި ކަމެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އެތައް އާއިލާތަކަކަށް މާލީ އެތައް މައްސަލަތަކެއް ކުރިމަތިވުމުގެ ކަންބޮޑުވުން ވިސާމް ވަނީ މިއަދުގެ ޖަލްސާގައި ފާޅުކުރައްވާފައެވެ.

"204 ސިވިލްސާވިސްގައި މަސައްކަތްކުރާ ބޭފުޅުން މި އިންތިހާބުގައި އެބަ ވާދަކުރޭ. އެ ދުވަހުން ފެށިގެން އެ ބޭފުޅުންގެ ވަޒީފާ އެވަނީ ސަސްޕެންޑް ކުރެވިފައި. އަޅުގަނޑު މި ފުރުސަތު ގޮވާލަން 204 އާއިލާގެ އެ ބޭފުޅުންނަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާތީ އެ ބޭފުޅުންގެ ސަސްޕެންޝަން ބާތިލްކުރަން."

ވިސާމް ވަނީ މި މައްސަލައަށް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ހައްލު ހޯދުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހާއްސަ ސަމާލުކަމެއް ދެއްވައިގެން އެކަންކަން ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ވިސާމް ގޮވާލެއްވިއެވެ.

ވިސާމް މިފަދައިން ގޮވާލިއިރު އިދިކޮޅު ޕްރޮގްރެސިވް ކޮންްގްރެސް އިންވެސް ވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލާ ދާދިފަހުން ބަޔާނެއް ނެރުއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *