އިގިރޭސިވިލާތުން ރާއްޖެ އައި 45 މީހެއްގެ ސާމްޕަލް ނަގައިފި

ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް/ ފޮޓޯ- ހަތާވީސް

އޭޕްރީލް މަހުގެ 14ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް އިގިރޭސިވިލާތުން ރާއްޖެއައި މީހުންގެ ތެރެއިން 45 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ ތަރުޖަމާން މަބުރޫކް ޢަޒީޒް ވިދާޅުވީ އޭޕްރީލް މަހުގެ 14ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް އިގިރޭސިވިލާތުން ރާއްޖެއައި މީހުންގެ ތެރެއިން 45 މީހެއްގެ ސާމްޕަލް މިހާތަނަށް ނަގާފައިވާކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް އެމުއްދަތުގައި އިނގިރޭސިވިލާތުން ރާއްޖެއައި އެންމެންގެ ސާމްޕަލް ނަގުމަށްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިހާލަތުގައި ބައެއް ފަރާތްތަކުން ދޮގުމައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އެއީ ދެރަކަމެއް ކަމަށެވެ.

އެގޮތުން މިއަދު ސޯޝަލް މީޑިޔާގައި މިކަމައި ގުޅޭގޮތުން ފަތުރާފައިވާ ވާހަތަކަކީ ދޮގުވާހަކަތަކެއް ކަމަށާއި މިދަނޑިވަޅުގައި އެއްވެސް މީހަކު ހަގީގަތް އޮޅުވާލައި ދޮގު މައުލޫމާތު ނުފެތުރުމަށް މަބްރޫކް މީގެކުރިންވެސް ދައްކަވަމުން ގެންދެވި ވާހަކަތައް ތަކުރާރު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިޙާލަތުގައި ރާއްޖެއިން ބޭރުން އަންނަ އެއްވެސް މީހަކާއި މެދު ތަފާތުގޮތަކަށް ޢަމަލުކޮށްފައި ނުވާނެ ކަމަށާއި ސަރުކާރުން ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި ދައުލަތުގެ ވަޒީރުންގެ ދަރިންނާއި، އެނޫންވެސް އިސްމަޤާމުތަކުގައި ތިއްބެވި ޢާއިލާތަކުގެ މެމްބަރުންވެސް އެބަތިބިކަމަށް މަބްރޫކް ވިދާޅުވިއެވެ. މިބޭފުޅުންނަށްވެސް އާއިލާއާ ހަމައަށް އާދެވޭނީ 14 ދުވަހަށްފަހު ކޮވިޑް19 އަށް ޓެސްޓް ކުރުމަށް ފަހުގައިކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 1204 ސާމްޕަލެއް ނަގާފައިވެއެވެ. އޭގެ ތެރެއިން 1180 ސާމްޕަލެއް ކޮވިޑް19 އަށް ނެގެޓިވް ވެފައިވާއިރު، ޕޮޒިޓިވް ވެފައިވަނީ 19 ސާމްޕަލެކެވެ. ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން 15 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. ބައްޔަށް މިހާރު ފަރުވާ ހޯދަމުންދަނީ 4 ދިވެހިންނެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގެ ތެރެއިން ވެލިދޫގައި އައިސޮލެޝަންގައި 15 މީހަކު އެބަތިއްބެވެ. ދަރުމަވަންތަ އައިސޮލޭޝަންގައި ތިބީ 3 މީހެކެވެ. ކަރަންޓީނު ފެސިލިޓީސްތަކުގައި 867 މީހަކު އެބަތިއްބެވެ.

ހިޔާލު ދެއްވާ!

Your email address will not be published.