ޖީއެސްޓީއާ ޓީޖީއެސްޓީން ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ފޮޓޯ / ހަތާވީސް
އާއްމު ގޮތެއްގައި ދައުލަތަށް އެންމެ ގިނައިން އާމްދަނީ ވައްދާ ޖީއެސްޓީ އަދި ޓީޖީއެސްޓީން ދައުލަތަށް މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީއަށް ވުރެ ބޮޑުތަން ދަށްވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މިއަހަރުގެ 12ވަނަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނީ 1.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މިހާތަނުގައި ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. ޓީޖީއެސްޓީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ލިބުނީ 1.24 ބިލިއަން ރުފިޔާއެވެ. ޓީޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ދައުލަތަށް ލިބިފައިވެއެވެ. ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިއަހަރު ލިބިގެން ދިޔައީ 205.6 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މިހާތަނަށް 214 މިލިއަން ރުފިޔާ ގްރީން ޓެކްސް އިން ދައުލަތަށް ލިބިފައިވެއެވެ.
މުޅި ޖުމްލަ އާމްދަނީއަށް ބަލާއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.5 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މިހާތަނުގައި ދައުލަތަށް 5.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އަކީ މިދިޔަ އަހަރުގެ މިހާތަނާއި އަޅާ ބަލާއިރު ލިބުނު އާމްދަނީ އަށްވުރެ 1.3 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ޓެކްސްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް މުޅި ޖުމްލަ ލިބިފައިވަނީ 3.94 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް މިހާތަނަށް ލިބިފައިވަނީ 631.7 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މިހާތަނުގައި ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ނޫން ގޮތް ގޮތުން 1.16 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް މިދިޔަ އަހަރުގެ މިހާތަނަށްވުރެ އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް އަދި ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އިންނެވެ. އެގޮތުން ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ދައުލަތަށް 1.13 ބިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ލިބުނުއިރު މިދިޔަ އަހަރުގެ މިހާތަނަށް ލިބުނީ 1.1 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މިހާތަނަށް ދައުލަތަށް ބީޕީޓީން ލިބުނީ 869.4 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް ބީޕީޓީން ވަނީ 919 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ދައުލަތަށް މިދިޔަ އަހަރު ބޮޑު އާމްދަނީއެއް އަހަރުގެ މިހާތަނަށް ލިބުނެވެ. އެގޮތުން މިދިޔަ އަހަރު ލިބުނީ 192.4 މިލިއަން ރުފިޔާއެވެ. މިއަހަރު ލިބުނީ 172.5 މިލިއަން ރުފިޔާއެވެ. އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް 174.2 މިލިއަން ލިބުނުއިރު މިދިޔަ އަހަރުގެ މިހާތަނަށް ދައުލަތަށް އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި ލިބުނީ 194 މިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް ދައުލަތަށް އެހީގެ ގޮތުގައި ލިބިފައިވަނީ ވެސް ކުރީ އަހަރުގެ މިހާތަނާއި އަޅާ ބަލާއިރު ކުޑަ އަދަދެކެވެ. އެއީ 21.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މިހާތަނަށް 439.7 މިލިއަން ރުފިޔާ ދައުލަތަށް އެހީގެ ގޮތުގައި ލިބިފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.