ކޮވިޑް19 އަށް ރާއްޖެއިން އިތުރު ދިވެއްސަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އަށް ރާއްޖެއިން އިތުރު ދިވެއްސަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މީހާއަކީ ވެސް  އިނގިރޭސި ވިލާތުން އެނބުރި އައި މީހެކެވެ. މިއީ މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވި ހަތަރު ވަނަ ފަހަރެވެ. އަދި މުޅި ރާއްޖެއިން މި ބައްޔަށް ޖުމްލަ 19 މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ. 

ރޭ ދަރުބާރުގޭގައި ނޭޝަނަލް އިމަޖެންސީ ރެސްޕޮންސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ރާއްޖެއިން 1137 މީހެއްގެ ސާމްޕަލް ކޮވިޑް19 އަށް ނަގާފައިވާއިރު އޭގެތެރެއިން 1114 މީހެއްގެ ސާމްޕަލް އެ ބައްޔަށް ނެގެޓިވްވެފައިވާ ކަމަށެވެ. ވެލިދޫގައި ގާއިމް ކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި 16 މީހަކު އެބަހުއްޓެވެ. އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި 866 މީހަކު އެބަހުއްޓެވެ.

މި ބަލީގައި އެންމެ ގިނައިން ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. އެއީ 15 ބިދޭސީންނެވެ. މި އެންމެންވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި ދިވެހިންގެ ތެރެއިން އެންމެންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވާ މީހުން ކަމަށްވާތީ އެޗްޕީއޭ އިން މިހާރު ވަނީ މިމަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހާ ދެމެދު ރާއްޖެ އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވީ މީހުން ކޮވިޑް 19 އަށް ޓެސްޓުކުރަން ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.