ކުރިން ޓެސްޓު ނުކުރީ އަލާމާތެއް ނެތީމަ، އިރާދަފުޅުން އަޅުގަނޑުގެ ނިޝާނެއް ނެތް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހުގެ އެއްވެސް އަލާމާތެއް ނެތް ކަމަށާއި އެހެން ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާ ގޮތަކަށް އަމަލު ކުރުމަށް ހުންނެވީ ތައްޔާރަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ  އިނގިރޭސި ވިލާތުން ރާއްޖެ އައި މީހުންގެ ތެރެއިން މިދިޔަ މަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހާ ދެމެދު ރާއްޖެ އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވީ މީހުން ކޮވިޑް 19 އަށް ޓެސްޓުކުރަން ނިންމާފައިވާ ކަމަށެވެ.

ނަޝީދު ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުން 14 ވަނަ ދުވަހަށް އަމިއްލުފުޅު ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. އެހެންކަމުން ނަޝީދު ރާއްޖެ ވަޑައިގެންފައި ވަނީ އެޗްޕީއޭ އިން ބުނެފައިވާ މުއްދަތު ފަހުން ކަމަށްވާތީ ނަޝީދު ޓެސްޓު ކުރައްވާނެތީ ރޭ ނޫސްވެރިޔަކު މަބްރޫކް ގާތުގައި އެހުމުން މަބްރޫކް ވިދާޅުވީ ވަކި މީހެއް އިސްތިސްނާ ނުވާނެ ކަމަށެވެ.

އެކަމާއި ގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮވިޑް19 އަށް އެމަނިކުފާނު އޭރު ޓެސްޓު ކުރައްވާފައި ނުވަނީ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާތީ ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ 14 ދުވަހުން ފެށިގެން އިނގިރޭސިވިލާތުން އައި ދިވެހިން ޓެސްޓް ކުރަން އެޗްޕީއޭއިން ނިންމީ ކޮން ސައިންޓިފިކް ހަމަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ނަޝީދު ސުވާލު އުފައްދާފައެވެ.

އެނގިފައިވާ ގޮތުގައި ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ، އެމަނިކުފާނާއި، އަނބިކަނބަލުން ލައިލާ އަލީގެ ކައިވެނިފުޅަށް 26 އަހަރު ފުރުން ފާހަގަ ކުރެއްވުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *