މާލެ ސަރަހައްދުގައި ރޭގަނޑު އިމާރާތް ކުރުން މެދުކަނޑާލުމަށް އަންގައިފި

ރޭގަނޑުގެ ވަގުތެއްގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑުގެ ވަގުތުތަކުގައި އިމާރާތް ކުރުން މެދުކަނޑާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

މިދިޔަ މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ފެށިގެން ހެނދުނު 06:00 ދެމެދު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހިންގަމުންދާ އިމާރާތް ކުރުމުގެ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ.

މީގެއިތުރުންވެސް އެކަމަނާ ވަނީ މާދަމާ މެންދުރު 12:00 އިން ފެށިގެން، މާލޭ ސަރަހައްދުގެ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހާ ތަންތަނުގެ ޓޭކްއަވޭ ހިދުމަތްތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދު ކުރަން އަންގާ ކަމަށެވެ. އަދި މާދަމާ ހަވީރު 17:00 ޖަހާއިރުން ފެށިގެން ރޭގަނޑު 20:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ. އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށެވެ. މީގެ އިތުރުން އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

މި އެންގުންތަކަކީ ވަކި މުއްދަތެއް ނެތް ގޮތެއް އަންގާފައިވާ އެންގުންތަކެކެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ވަނީ އެކަމަނާގެ އެ އެންގުމަށް ހުރިހާ ފަރާތްތަކުން ވެސް ތަބާވުމަށް އިލްތިމާސް ކުރައްވާފައެވެ. އެކަމަނާ މިފަދައިން އަންގާ އެންގުންތަކަށް ނުވަތަ އަމުރުތަކާއި ހިލާފުވުމަކީ ގާނޫނީ ކުށެކެވެ. މިހާރުވެސް އެކަމަނާގެ އެންގުންތަކާއި ހިލާފުވެގެން އެތައް ބަޔަކު ހައްޔަރުކޮށްފައިވާއިރު އެކަކަށް ވަނީ ދައުވާވެސް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.