މާލެ ސިޓީގައި މާދަމާއިން ފެށިގެން ތިން ގަޑިއިރަށް ކާފިއު އިއުލާން ކުރަނީ

މާލޭގެ މަގެއްގެ މަތި-- ފޮޓޯ / މިހާރު

މާދަމާއިން ފެށިގެން މާލެ ސިޓީ ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކަށް ވަކި ވަގުތެއްގައި ނިކުމެ އުޅުމާއި އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

މިދިޔަ މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ އޭޕްރީލް ދެވަނަ ދުވަހުގެ ހަވީރު 17:00 ޖަހާއިރުން ފެށިގެން ރޭގަނޑު 20:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ. އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށެވެ. މީގެ އިތުރުން އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

ނަމަވެސް މި ހާލަތުގައި އިސްތިސްނާވާ ފަރާތްތަކެއްވެއެވެ. އެއީ:

* ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންްނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

* ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

* ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

* އުރީދޫ، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

* ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދުފަހަރު

* ޑިޕްލޮމެޓިކް އުޅަނދުފަހަރު

* އެމްބިއުލާންސް

* ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް

* ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

* އެޗްޕީއޭ އިން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ވަނީ އެކަމަނާގެ އެ އެންގުމަށް ހުރިހާ ފަރާތްތަކުން ވެސް ތަބާވުމަށް އިލްތިމާސް ކުރައްވާފައެވެ. އެކަމަނާ މިފަދައިން އަންގާ އެންގުންތަކަށް ނުވަތަ އަމުރުތަކާއި ހިލާފުވުމަކީ ގާނޫނީ ކުށެކެވެ. މިހާރުވެސް އެކަމަނާގެ އެންގުންތަކާއި ހިލާފުވެގެން އެތައް ބަޔަކު ހައްޔަރުކޮށްފައިވާއިރު އެކަކަށް ވަނީ ދައުވާވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *