ފުލުހުންގެ އިލްތިމާސް: ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި އެއްގޮތަށް އަމަލުކުރައްވާ

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު/ ފޮޓޯ- ހަތާވީސް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުފައި ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަރުގެ އެންގެވުމާއި އެއްގޮތަށް އަމަލުކުރައްވާ ގާނޫނީ ތަރަހައިގެ ތެރެއިން ކަންކަން ކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ މި މަހުގެ 12ވަނަ ދުވަހުން ފެށިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހެލްތު މިނިސްޓަރު އިއުލާން ކޮށްފައިވާއިރު ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 33ވަނަ މާއްދާއާ 39ވަނަ މާއްދާގެ ދަށުން ޢާއްމު ޞިއްޙަތު ރައްކާތެރިކޮށް ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުނަނުދިނުދިނުމަށް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްވެސް ސިފައެއްގައި އެއްވެ ނުއުޅުމަށް ގާނޫނު ބާރު އަޅާ ކަމަށެވެ.

"އަދި ކޮވިޑް-19 ފަދަ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ގައިދުރުކުރުމަކީ މި ދަނޑިވަޅުގައި ނުހަނު މުހިއްމު ކަމެއްކަމުގައި ހަނދުމަފުޅު އަރުވަމެވެ. ވީމާ، އާއްމު ސިއްޙަތުގެ ކުއްލި ނުރައްކާ އިޢުލާންކޮށްފައިވާ މި ނާޒުކު ދަނޑިވަޅުގައި އެންމެންގެ ސަލާމަތާއި ރައްކަލަށްޓަކައި، ހުރިހާ ބޭފުޅުންވެސް ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާ އެއްގޮތަށް ޢަމަލުކުރައްވާ ޤާނޫނީ ތަރަހައިގެ ތެރެއިން ޢަމަލުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރަމެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން މިފަދައިން އިލްތިމާސް ކޮށްފައި މިވަނީ މިއަދު ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮންނަ ސަފާރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ޑިންގީތަކުގައި ތިބެ ހުޅުމާލެ ފަޅުތެރޭގައި އިހުތިޖާޖު ކުރުމާއި ގުޅިގެންނެވެ. އެ އިހުތިޖާޖުގައި ގިނަ އަދަދެއްގެ ސަފާރީތަކުގެ މުވައްޒަފުން ވަނީ ބައިވެރިފައެވެ. އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ 14 ދުވަސް ހަމަވުމުންވެސް ރަށު ތެރެއަށް ނޭރޭތީ ވަނީ އެ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް ރިސޯޓުތަކާއި ސަފާރީތަކުން މުވައްޒަފުން ފޭބޭނެ އިތުރު ހާލަތްތަކެއް ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވަނީ ރޭގެ ވަގުތެއްގައި ކަނޑައަޅާ އާއްމުކޮށްފައެވެ.

ކުރިން އޮންނަ ގޮތުން ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން އެހެން ރަށަކަށް ދާން ބޭނުން ނަމަ، ދެވޭނީ އެރިސޯޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ފަހުން ރިސޯޓުން ފައިބާ ފަތުރުވެރިޔާ އެ ރިސޯޓުން ފުރާތާ 14 ދުވަސްވުމުންނެވެ. ރޭ މައިމޫނާ ވަނީ އެ ހާލަތުގެ އިތުރުން އިތުރު ހާލަތްތަކެއް ބަޔާންކޮށް އެންގުމެއް އާއްމުކޮށްފައެވެ. އެ އެންގުމުގައި ރިސޯޓުގައި ފަތުރުވެރިން ތިބި ނަމަވެސް، އެ ރިސޯޓުގައި ކަނޑައަޅާފައިވާ ސަރަހައްދެއްގައި ކަރަންޓީންގައި މުވައްޒަފަކު މަދުވެގެން 14 ދުވަސް ފުރިހަމަކޮށްފި ނަމަ އޭނާއަށް އެ ރިސޯޓުން ފޭބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން މޮނީޓަރިންގެ ހާލަތައް ލެވިފައިވާ ރިސޯޓަކުން އެންމެ ފަހު ފަތުރުވެރިޔާ ފޭބިތާ މަދުވެގެން 14 ދުވަސްވިޔަސް ނުފޭބޭނެ ކަމަށް އެންގުމުގައި މައިމޫނާ ވަނީ ވިދާޅުވެފައެވެ އެފަދަ ރިސޯޓުތަކުގައި ޖެހޭނީ ރިސޯޓުގައި ކަނޑައަޅާ ތަނެއްގައި ކަރަންޓިން ވާންށެވެ. މި ހާލަތުގައިވެސް ފޭބޭނީ ރިސޯޓު ނުވަތަ ސަފާރިން އެމީހަކު ފޭބުމުގެ ހުއްދަ ދިނުމުން ކަމަށް އެންގުމުގައިވެއެވެ. އަދި މައިމޫނާ ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އޭނާ އަންގާގޮތަކަށް ރިސޯޓުން ނުވަތަ ސަފާރީތަކުން މީހުން ފޭބޭނެ ކަމަށްވެސް އެންގުމުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *