ރިސޯޓުތަކުން ކުނި އުކާލަން ތިލަފުއްޓަށް އަންނަ މުވައްޒަފުން މާލެ ދިއުމަށް މަސައްކަތް ކުރަނީ!

ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ --

ރާއްޖޭގެ ރިސޯޓުތަކުން އުފައްދާ ކުނި އުކާލުމަށް ތިލަފުއްޓަށް އަންނަ ރިސޯޓުތަކުގެ މުވައްޒަފުން ތިލަފުށިން މާލެއަށް ދިއުމުގެ މަސައްކަތް ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާރަކަށް އައިސް ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ކުނި އުކާލަން އަންނަ ބޯޓުގައި ތިލަފުއްޓަށް އައުމަށްފަހު މާލެ އައުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން މިފަދަ ބަޔަކު ފުލުހުން މިއަދު ހުއްޓުވާފައިވާ ކަމަށާއި މިއަދު އެމީހުން އަނބުރާ އެމީހުންގެ ރިސޯޓުތަކަށް ފޮނުވާލި ނަމަވެސް މިފަދަ ކަމެއް ދެން ތަކުރާރުވެއްޖެނަމަ މިކަމަށް ގާނޫނީ ފިޔަވަޅު އަދި ގާނޫނީ އިމުގެ ތެރެއިން އަދަބު ދިނުމަށް ނިންމާފައިވާ ފުލުހުން ބުނެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރިސޯޓުތަކާއި ސަފާރީތަކުން މުވައްޒަފުން ފޭބޭނެ އިތުރު ހާލަތްތަކެއް ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވަނީ ރޭގެ ވަގުތެއްގައި ކަނޑައަޅާ އާއްމުކޮށްފައެވެ.

ކުރިން އޮންނަ ގޮތުން ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން އެހެން ރަށަކަށް ދާން ބޭނުން ނަމަ، ދެވޭނީ އެރިސޯޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ފަހުން ރިސޯޓުން ފައިބާ ފަތުރުވެރިޔާ އެ ރިސޯޓުން ފުރާތާ 14 ދުވަސްވުމުންނެވެ. ރޭ މައިމޫނާ ވަނީ އެ ހާލަތުގެ އިތުރުން އިތުރު ހާލަތްތަކެއް ބަޔާންކޮށް އެންގުމެއް އާއްމުކޮށްފައެވެ. އެ އެންގުމުގައި ރިސޯޓުގައި ފަތުރުވެރިން ތިބި ނަމަވެސް، އެ ރިސޯޓުގައި ކަނޑައަޅާފައިވާ ސަރަހައްދެއްގައި ކަރަންޓީންގައި މުވައްޒަފަކު މަދުވެގެން 14 ދުވަސް ފުރިހަމަކޮށްފި ނަމަ އޭނާއަށް އެ ރިސޯޓުން ފޭބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން މޮނީޓަރިންގެ ހާލަތައް ލެވިފައިވާ ރިސޯޓަކުން އެންމެ ފަހު ފަތުރުވެރިޔާ ފޭބިތާ މަދުވެގެން 14 ދުވަސްވިޔަސް ނުފޭބޭނެ ކަމަށް އެންގުމުގައި މައިމޫނާ ވަނީ ވިދާޅުވެފައެވެ އެފަދަ ރިސޯޓުތަކުގައި ޖެހޭނީ ރިސޯޓުގައި ކަނޑައަޅާ ތަނެއްގައި ކަރަންޓިން ވާންށެވެ. މި ހާލަތުގައިވެސް ފޭބޭނީ ރިސޯޓު ނުވަތަ ސަފާރިން އެމީހަކު ފޭބުމުގެ ހުއްދަ ދިނުމުން ކަމަށް އެންގުމުގައިވެއެވެ. އަދި މައިމޫނާ ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އޭނާ އަންގާގޮތަކަށް ރިސޯޓުން ނުވަތަ ސަފާރީތަކުން މީހުން ފޭބޭނެ ކަމަށްވެސް އެންގުމުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *