ފްލޫ ކްލިނިކުތަކުން 228 މީހަކު މިއަދު ހިދުމަތް ހޯދައިފި

އައްޑޫ ސިޓީގައި ގާއިމް ކޮށްފައިވާ ފްލޫ ކްލިނިކު -- ފޮޓޯ / އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައިވާ ފްލޫ ކްލިނިކުތަކުން މިއަދު އެކަނި 228 މީހަކު ހިދުމަތް ހޯދާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކުތަކުން މީހުން ކޮންމެ ދުވަހަކުވެސް ހިދުމަތް ހޯދަމުން އަންނަ ކަމަށެވެ.

ކްލިނިކްތައް ހެދި ރަށްރަށުގެ ތެރޭގައި ޅ. ނައިފަރާއި ހިންނަވަރުގައި ހެދި ކްލިނިކްއާއި މ. މުލި އަދި ފ. ބ. ތ. ދ. އަތޮޅު ހޮސްޕިޓަލްގައި ހެދި ފްލޫ ކްލިނިކްތައް ހިމެނެއެވެ. އޭގެ އިތުރުން ކ. މާފުށްޓާއި ތުލުސްދޫއާއި ކާށިދޫގައި ހެދި ކްލިނިކްތައް ވެސް ހިމެނެއެވެ. މީގެއިތުރުން އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ އިތުރުން މާލެއާ ހުޅުމާލެ އަދި ވިލިމާލޭގައިވެސް ވަނީ މިފަދަ ކްލިނިކުތަކެއް ގާއިމްކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން 1137 މީހެއްގެ ސާމްޕަލް ކޮވިޑް19 އަށް ނަގާފައިވާއިރު އޭގެތެރެއިން 1114 މީހެއްގެ ސާމްޕަލް ވަނީ އެ ބައްޔަށް ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ ފަސް ސާމްޕަލްއެއް ހިމެނެއެވެ. ވެލިދޫގައި ގާއިމް ކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި 16 މީހަކު އެބަހުއްޓެވެ. އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި 866 މީހަކު އެބަހުއްޓެވެ.

1137 ސާމްޕަލްގެ ތެރެއިން 18 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މި ބަލީގައި އެންމެ ގިނައިން ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. އެއީ 15 ބިދޭސީންނެވެ. މި އެންމެންވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. ބައްޔަށް ފަރުވާ ދެމުން ދަނީ އެންމެ ފަހުން މި ބަލި ޖެހުނު ދިވެހި ތިން މީހުންނެވެ. އެންމެންގެ ހާލަތުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.