ކޮވިޑް-19 އާ ގުޅިގެން މާލޭގެ ދެގެއަކަށް ވަނުން މަނާ ކޮށްފައި އޮތްއޮތުމުގެ ތެރެއިން އޭގެން އެއް ގެއަކަށް ވަނުން މަނާކުރެވުނީ އޮޅުމަކުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އެ ގެ މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން، ފުލުހުން ކުރަންޖެހޭ ކަންކަމަށް ކުރެއްވުމަށް އެދިވަޑައިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ އެ ގޭގައި ހުރި މީހެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތެއް ފެނުމާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެކަމާ ގުޅޭ އެހެން އެންގުމެއް އަންގަންދެން އެ ގެ މޮނިޓަރިން ހާލަތަށް ގެންގޮސްފައިވާ ގެއެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. މި ސިޓީ ފޮނުވާފައިވަނީ މިއަދުގެ ތާރީހުގައެވެ.
ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ގ. އޮލިވާ ގެއަށް ވަނުން މަނާކުރެވުނީ އޮޅިގެން ކަމަށެވެ. އަދި އެ ގެ މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. އެހެން ކަމުން މިދިޔަ ވަގުތުތަކުގައި ދިމާވި ދަތިތަކަށް އެ ގޭގައި ދިރިއުޅޭ މީހުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
އެޗްޕީއޭއިން ބުނީ އެ އިދާރާއިން ފިޔަވަޅު އަޅަމުންދަނީ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ކަމަށާއި އެ ގެ މިހާރު މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ. މީގެ އިތުރުން އެޗްޕީއޭއާ ހިއްސާ ކުރާ މައުލޫމާތުގެ ސައްހަކަން ޔަގީން ކުރުމަށާއި ދޮގު މައުލޫމާތު ފަތުރާ އަދި ހިއްސާ ނުކުރުމަށް ވެސް ވަނީ އެދިފައި ވެއެވެ.