މިމަހުގެ 14ގެ ފަހުން ޔޫކޭއިން އައި އެންމެން ޓެސްޓް ކުރަނީ

މަބްރޫކް މީގެކުރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ --

މިމަހުގެ 14 ދުވަހުގެ ފަހުން އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެންނާއި އަދި އެމީހުންނާއި ކޮންޓެކްޓް ވީ އެންމެން ކޮވިޑް 19 އަށް ޓެސްޓް ކުރަން ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އިނގިރޭސި ވިލާތުން ރާއްޖެ އައި މީހުންގެ ތެރެއިން މިމަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހާ ދެމެދު ރާއްޖެ އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވީ މީހުން ކޮވިޑް 19 އަށް ޓެސްޓުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ތިން މީހުން ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށް މަބުރޫކު ވިދާޅުވި އެވެ. ރާއްޖެއިން ބޭރުން ރާއްޖެ އަންނަ އެންމެން ކަރަންޓީނު ކުރަން ފެށީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޫކޭއަށް ޒިޔާރާތްކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގަތީ މި މަހުގެ 15ގައި ކަމަށްވާތީ އެމަނިކުފާނުވެސް އެ ޓެސްޓު ކުރައްވާނެތޯ ނޫސްވެރިޔަކު ސުވާލު ކުރެއްވުމުން މަބްރޫކް ވިދާޅުވީ އެ މުއްދަތުގައި ރާއްޖެ އައި ހުރިހާ އެންމެން އެ ބައްޔަށް ޓެސްޓު ކުރާނެ ކަމަށެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ފަހު މި މަހުގެ 16 ވަނަ ދުވަހު ވަނީ މަޖިލީހުގައި ބޭއްވި ޖަލްސާގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ. އަދި މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގައި ނަޝީދު ވަނީ އެކި ބައްދަލުވުންތަކުގައި އެކި ބޭފުޅުންނާއި މަޖިލީހުގައި ބައްދަލުކުރައްވާފައެވެ. ނަޝީދު ޔޫކޭއަށް ވަޑައިގެންނެވީ، އެމަނިކުފާނާއި، އަނބިކަނބަލުން ލައިލާ އަލީގެ ކައިވެނިފުޅަށް 26 އަހަރު ފުރުން ފާހަގަ ކުރެއްވުމަށެވެ.

މިހާތަނަށް ރާއްޖެއިން 1137 މީހެއްގެ ސާމްޕަލް ކޮވިޑް19 އަށް ނަގާފައިވާއިރު އޭގެތެރެއިން 1114 މީހެއްގެ ސާމްޕަލް ވަނީ އެ ބައްޔަށް ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ ފަސް ސާމްޕަލްއެއް ހިމެނެއެވެ. ވެލިދޫގައި ގާއިމް ކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި 16 މީހަކު އެބަހުއްޓެވެ. އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި 866 މީހަކު އެބަހުއްޓެވެ.

1137 ސާމްޕަލްގެ ތެރެއިން 18 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މި ބަލީގައި އެންމެ ގިނައިން ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. އެއީ 15 ބިދޭސީންނެވެ. މި އެންމެންވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. ބައްޔަށް ފަރުވާ ދެމުން ދަނީ އެންމެ ފަހުން މި ބަލި ޖެހުނު ދިވެހި ތިން މީހުންނެވެ. އެންމެންގެ ހާލަތުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.