ރާއްޖޭގައި ބަލިޖެހޭ މީހުންގެ އަދަދު ގިނަވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ޑރ. އަލީ ލަތީފު (ވ) -- ފޮޓޯ / ހެލްތު މިނިސްޓްރީ

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފިއެވެ.

ޓެގުން ވަނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖޭގައި ފެތުރުން ކުޑަކުރުމަށް މިހާރު އަޅާ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ރާއްޖޭގައި އެބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭތީ އެކަމުގެ ލަފަޔާއި އިރުޝާދު ސަރުކާރަށް އަރުވާފައެވެ.

އެ ލަފާގެ މަތިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ ވަޒީރުންގެ މަޖިލިސް އެއް ކުރައްވާ، އެކަމުގެ މަޝްވަރާތައް ކުރައްވާފައެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުން ވަނީ އަންނަ ހަފްތާވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ޔުނިވާސިޓީ ތަކާއި، ކޮލެޖުތަކުގެ ކިޔެވުންވެސް ބަންދުކުރުމަށް ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުން ނިންމީ އަންނަ ހަފްތާގައިވެސް، ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ނިންމި ނަމަވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، އަދި ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރެގެން އެ މަސައްކަތެއް ކުރުމަށެވެ.

ރާއްޖެއިން ކޮވިޑް19 އަށް 18 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން ތިން މީހަކު ނޫން ދެން ތިބި އެންމެންނަކީ ހުސް ބިދޭސީންނެވެ. އަދި 15 ބިދޭސީން ވަނީ މި ބަލިން ރަނގަޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *