އަންނަ ހަފްތާވެސް ސަރުކާރު ބަންދުކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

ކެބިނެޓް ބައްދަލުވުން/ ފޮޓޯ- ރައީސް އޮފީސް

އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ޔުނިވާސިޓީ ތަކާއި، ކޮލެޖުތަކުގެ ކިޔެވުންވެސް ބަންދުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖޭގައި ފެތުރުން ކުޑަކުރުމަށް މިހާރު އަޅާ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ރާއްޖޭގައި އެބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުން ނިންމީ އަންނަ ހަފްތާގައިވެސް، ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ނިންމި ނަމަވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، އަދި ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރެގެން އެ މަސައްކަތެއް ކުރުމަށެވެ.

ކޮވިޑް19 ކޮންޓްރޯލް ކުރުމުގައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، އެކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، ކޮވިޑް19 ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަންވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ކޮށްފައިވާ އަދި ކުރަމުންދާ އަސަރުތަކާއި، ރައްޔިތުން ތަޙައްމަލު ކުރަންޖެހިފައިވާ ދަތިތަކަށް ޙައްލު ހޯއްދެވުމަށް ސަރުކާރުގެ އެކި އިދާރާތަކުން ކަމާބެހޭ ވަޒީރުން ކުރަމުން ގެންދާ މަސައްކަތްތަކާއި އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު، އެބޭފުޅުން ވަޒީރުންގެ މަޖިލީހާއި ހިއްސާ ކުރެއްވި ކަމަށެވެ.

ސަރުކާރުން ބަންދު ކުރުމަށް އެންމެ ފުރަތަމަ ނިންމީ މި މަހުގެ 19ވަނަ ދުވަހުއެވެ. އަދި އޭގެފަހުން މިދިޔަ ބުދަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިތުރު އެއް ހަފްތާއަށް ސަރުކާރުން ބަންދު ކުރުމަށް ނިންމާފައެވެ. އެ މުއްދަތުގައި ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތައް ބަންދު ކުރުމަށްވެސް ސަރުކާރުން ނިންމިއެވެ.

ރާއްޖެއިން ކޮވިޑް19 އަށް 18 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން ތިން މީހަކު ނޫން ދެން ތިބި އެންމެންނަކީ ހުސް ބިދޭސީންނެވެ. އަދި 15 ބިދޭސީން ވަނީ މި ބަލިން ރަނގަޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *