ގުރުއާން ޗެލެންޗުގައި އަދުރޭ ބައިވެރިވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި އަދި ކުރީގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމު އަދާ ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފައްޓަވާފައިވާ “ގުރުއާން ޗެލެންޖު”ގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ދެއްވުމުން އެ ޗެލެންޖު އަދުރޭ ގަބޫލުކުރައްވައިފިއެވެ.

މި ޗެލެންޖު ގަބޫލުކުރައްވާ އަދުރޭ ވަނީ ގުރުއާން ވިދާޅުވެފައެވެ. އަދި ޝަހީމް ވަނީ އޭނާގެ ފޭސްބުކް އަދި ޓްވީޓާގައި އަދުރޭ ގުރުއާން ވިދާޅުވަމުން ގެންދެވި ވީޑިއޯ އާއްމު ކުރައްވާ ޝަހީމްގެ ދައުވަތު ގަބޫލުކުރެއްވީތީ ޝުކުރު އަދާ ކުރައްވާފައެވެ.

އަދުރޭގެ އިތުރުން ވެސް ޝަހީމް ވަނީ އިތުރު ބޭފުޅުންތަކަކަށް އެ ޗެލެންޖުގެ ދައުވަތު އަރުވާފައެވެ. ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީށް ފައިސަލް ނަސީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓެރީ އައިމިނަތު ޝައުނާއަށް ވެސް މި ޗެލެންޖުގެ ދައުވަތު ވަނީ އަރުވާފައެވެ. އަދި ވިދާޅުވީ މި ދައުވަތު ގަބޫލުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޝަހީމް މި ޗެލެންޖު ފެއްޓެވީ އިއްޔެއެވެ. ގިނަ ބައެއްގެ ތަރުހީބި ލިބެމުން އަންނަ މި ޗެލެންޖު ފައްޓަވަމުން ޝަހީމް ވިދާޅުވެފައިވަނީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރުން ފެށުނީ ކަމަށެވެ. މީގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ބައިވެރިވެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ސޯޝަލް މީޑިއާގެ ޕްލެޓުފޯމްތައް ކަމަށްވާ ޓްވީޓާ އިންސްޓާގްރާމް އަދި ފޭސްބުކް މެދުވެރިކޮށް ވެސް މި ޗެލެންޖުގައި ބައިވެރިވެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމްގެ ޗެލެންޖާއި އެކު ގިނަ ބަޔަކު ގެންދަނީ މިހާރު ޤުރުއާން ކިޔަވަމުން ނަގާފައިވާ ވީޑިއޯތައް މީސް މީޑިއާގައި އާއްމު ކުރައްވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.