އެކަހެރި ކޮށްފައި ތިބޭ މީހުންނަށް އެއްވެސް އަގަކާއި ނުލާ އިންޓަނެޓު ފޯރު ކޮށްދިނުމަށް ސަރުކާރުން ހުށަހަޅައިފި

ދިރާގުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ފުޅާކުރަމުންދާ ބްރޮޑްބޭންޑް ޚިދުމަތުގެ މުހިންމު ލަނޑުދަނޑިއެއް ހާޞލްވުމާ ގުޅިގެން ބާއްވަވާ ޙަފްލާގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ ދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ސަރުކާރުން ހުށަހަޅައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ސަރުކާރާއި ސްކޫލްތައް ބަންދުކުރެއްވުމާއި، ޟަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެންގެވުމަކީ، ކޯވިޑް-19 ބައްޔާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަކު އަނެކަކާއި ދެމެދު ދުރުމިނެއް ބެހެއްޓުމުގެ މަޤްޞަދުގައި އަޅުއްވާފައިވާ ފިޔަވަޅުތަކަކަށް ވީހިނދު، މި ފިޔަވަޅުތަކަށް އަމަލުކުރުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

މީގެތެރޭގައި ހިމެނޭ އެއް ކަމަކީ، މުއާޞަލާތީ ޚިދުމަތްތައްކާއި އިންޓަރނެޓުގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި، އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި އެކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖޭގައި މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ސަރުކާރުން ދަޢުވަތު އަރުވާފައިވާ ކަަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، މި ދަނޑިވަޅުގައި ރައްޔިތުންގެ މާލީ ހާލަތަށް ބަދަލުތަކެއް އަންނާނެކަން ދެނެގަނެ، ގޭގައި މަޑުކުރުމާއި ގޭގައި ތިބެގެން ދަރިވަރުންނަށް އުނގަންނައިދިނުމުގައި އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، ސަރުކާރުން ވަނީ އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގައި ދަންނަވާފައިވާ ކަަމށް ރައީސް އޮފީހުން ބުންޏެވެ.

އާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން އަމަލުކުރުމަށް އެދި ސަރުކާރުން ހުށަހަޅާފައިވާ ގޮތްތައް:

* ކޮވިޑް ޓާސްކްފޯސްގެ މަސައްކަތްތަކަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެން.އީ.އޯ.ސީ) އާއި އެ އިދާރާގެ ސެލްތަކަށް ބޭނުންވާ އިންޓަރނެޓުގެ ޚިދުމަތްތައް އެއްވެސް އަގަކާއި ނުލައި ފޯރުކޮށްދިނުން.

* ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ ދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުން.

* މި ދަނޑިވަޅުގައި އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބަލައި، “ޑޭޓާ ކެޕް” ނުވަތަ އިންޓަރނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ “ޑޭޓާ އެލަވަންސް” އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ “ޑޭޓާ ބޫސްޓަރ” ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުން.

ކޮންމެ ޕެކޭޖެއްގެ ދަށުން ފޯރުކޮށްދޭ “ޑޭޓާ އެލަވަންސް” ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން 70 ޕަސެންޓު ކަސްޓަމަރުންނަށް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން 50 ޕަސެންޓު ކަސްޓަމަރުންނަށް ދެގުނައަށް އިތުރުކޮށްދިނުން ނުވަތަ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެ ކަސްޓަމަރުންގެ “ޑޭޓާ އެލަވަންސް” ހަމަވުމުން އިންޓަރނެޓުގެ ޚިދުމަތް ބޭނުންކުރެވޭނެ ގޮތަށް ކޮންމެ ދުވަހަކު އައު ކުރެވޭ “ޑެއިލީ އަންކެޕްޑް އެލަވަންސް” އެއް މިކަމުގައި މުއާސަލާތު ހިދުމަތް ދޭ ކުންފުނިތަކުން ތައާރުފުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، “ޑޭޓާ އެލަވަންސް” ހަމަވުމުންވެސް އިންޓަރނެޓުގެ ޚިދުމަތް ހަލުވި ސްޕީޑެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރު ފަހި ގޮތްތަކެއް އިންތިޒާމު ކުރުމަށް މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން މަސައްކަތް ކުރަން ވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ކޯވިޑް-19 އާއި ގުޅިގެން އުފެދިފައިވާ ޙައްސާސީ މި ދަނޑިވަޅުގައި، އެކަކު އެނަކަކާއި މުއާޞަލާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ޑޭޓާ ޕެކޭޖުތަކެއް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސަން ވާނެ ކަމަށްވެސް ރައީސް އޮފީހުން ހާމަކުރިއެވެ.

ރައީސް އޮފީހުން ވަނީ މި ދަނޑިވަޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މުއާޞަލާތީ އަދި އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ވަކީން ޚާއްޞަކޮށް މުއާޞަލާތީ ވަސީލަތްތައް މެދުވެރިކޮށް ގޭގައި މަސައްކަތްކުރުމާއި ކުދީންނަށް ކިޔަވައިދިނުމުގައި، މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން ފޯރުކޮށްދެމުން ގެންދަވާ ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ކޮވިޑް19އާ ގުޅިގެން މިދިޔަ ބުދަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ، މިދުވަސްވަރު އިންޓަނެޓް ބޭނުން ކުރާ އަދަދު އިތުރުވެފައިވާ ކަމަށާއި އެކަމުގައި ލުއިތަކެއް ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ދެ ތިން ދުވަހެއްގެ ތެރޭގައި ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިފަދަ ދަނޑިވަޅުގައި އިންޓަނެޓުގެ ލުއިތަކެއް ނުލިބޭތީ، ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައްޔިތުންގެ އެ ކަންބޮޑުވުމާ ގުޅޭގޮތުން ކޮމިއުނިކޭޝަންސް އޮތޯރިޓީއާ ސުވާލުކުރަން، އެ އޮތޯރިޓީގެ އިސްވެރިންް މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްދޭންވެސް މި ފަހުން ވަނީ އެދިފައެވެ. އެ ބޭފުޅުން ހާޒިރު ކުރަން އެދުނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުމް ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެކަމުގައި މުއާސަލާތު ކުންފުނިތަކާއި ސަރުކާރުން ދައްކަން ޖެހޭ ވާހަކައެއް ދައްކާ ނިންމާފައިވާ ކަމަށެވެ. އަދި މާދަމާއިން ފެށިގެން އިންޓަނެޓުގެ އަގަށް ބަދަލުތައް އަންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.