ސަފާރީތަކުގައި އުޅޭ މީހުން ޑިންގީތަކުގައި ހުޅުމާލެ ފަޅުތެރޭގައި އިހުތިޖާޖު ކުރަނީ

ސަފާރީތަކުގައި އުޅޭ މީހުން ހުޅުމާލެ ޖެޓީ ސަރަހައްދު ފަޅުތެރޭގައި އިހުތިާޖު ކުރަނީ: ފޮޓޯ / ޕޮލިސް

ރާއްޖޭގައި އޮޕަރޭޓު ކުރާ ސަފާރީތަކުގައި މަސައްކަތް ކުރާ މީހުން ޑިންގީތަކުގައި ހުޅުމާލެ ޖެޓީ ސަރަހައްދަށް ގޮސް އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އެ އިހުތިޖާޖުގައި ގިނަ އަދަދެއްގެ މީހުން ޑިންގީތަކުގައި އަންނަނީ އިހުތިޖާޖު ކުރަމުންނެވެ. ނަމަވެސް ހުޅުމާލެއަށް ނޭރޭ ގޮތަށް ޖެޓީ ސަރަހައްދުގައި ފުލުހުން އެބަ ތިއްބެވެ. މީގެއިތުރުން އެ ސަރަހައްދު އެއްކޮށް ފުލުހުން ވަނީ ކޯޑަންކޮށް ބަންދުކޮށްފައެވެ.

އިހުތިޖާޖު ކުރާ މީހުން ގޮވާލަމުން އަންނަނީ އެމީހުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށެވެ. މީގެއިތުރުން ލިވަބޯޑު އެސޯސިއޭޝަންގެ އިސް ފަރާތްތަކުގެ އިސްތިއުފާވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.

މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ސުލްހަވެރިކަމާއި އެކުގައި އެއްވެ އުޅުމުގެ ގާނޫނުގެ 33ވަނަ މާއްދާގެ (އ)ގެ ހަތަރުވަނަ ނަންބަރާއި އެ ގާނޫނުގެ 39ވަނަ މާއްދާގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެންމެންގެ ރަށްކަލައްޓަކައި ހުރިހާ ފަރާތްތަކުން ވެސް ގާނޫނީ ތަރަހައިގެ ތެރެއިން އަމަލު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން ހުޅުމާލެ ޖެޓީ ސަރަހައްދު ކޯޑަން ކޮށްފައި: ފޮޓޯ / ހަތާވީސް

ސަފާރީތަކުގައި ތިބި މީހުން އިހުތިޖާޖު ކުރަމުން އަންނައިރު ރިސޯޓުތަކާއި ސަފާރީތަކުން މުވައްޒަފުން ފޭބޭނެ އިތުރު ހާލަތްތަކެއް ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވަނީ ރޭގެ ވަގުތެއްގައި ކަނޑައަޅާ އާއްމުކޮށްފައެވެ.

ކުރިން އޮންނަ ގޮތުން ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން އެހެން ރަށަކަށް ދާން ބޭނުން ނަމަ، ދެވޭނީ އެރިސޯޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ފަހުން ރިސޯޓުން ފައިބާ ފަތުރުވެރިޔާ އެ ރިސޯޓުން ފުރާތާ 14 ދުވަސްވުމުންނެވެ. ރޭ މައިމޫނާ ވަނީ އެ ހާލަތުގެ އިތުރުން އިތުރު ހާލަތްތަކެއް ބަޔާންކޮށް އެންގުމެއް އާއްމުކޮށްފައެވެ. އެ އެންގުމުގައި ރިސޯޓުގައި ފަތުރުވެރިން ތިބި ނަމަވެސް، އެ ރިސޯޓުގައި ކަނޑައަޅާފައިވާ ސަރަހައްދެއްގައި ކަރަންޓީންގައި މުވައްޒަފަކު މަދުވެގެން 14 ދުވަސް ފުރިހަމަކޮށްފި ނަމަ އޭނާއަށް އެ ރިސޯޓުން ފޭބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން މޮނީޓަރިންގެ ހާލަތައް ލެވިފައިވާ ރިސޯޓަކުން އެންމެ ފަހު ފަތުރުވެރިޔާ ފޭބިތާ މަދުވެގެން 14 ދުވަސްވިޔަސް ނުފޭބޭނެ ކަމަށް އެންގުމުގައި މައިމޫނާ ވަނީ ވިދާޅުވެފައެވެ އެފަދަ ރިސޯޓުތަކުގައި ޖެހޭނީ ރިސޯޓުގައި ކަނޑައަޅާ ތަނެއްގައި ކަރަންޓިން ވާންށެވެ. މި ހާލަތުގައިވެސް ފޭބޭނީ ރިސޯޓު ނުވަތަ ސަފާރިން އެމީހަކު ފޭބުމުގެ ހުއްދަ ދިނުމުން ކަމަށް އެންގުމުގައިވެއެވެ. އަދި މައިމޫނާ ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އޭނާ އަންގާގޮތަކަށް ރިސޯޓުން ނުވަތަ ސަފާރީތަކުން މީހުން ފޭބޭނެ ކަމަށްވެސް އެންގުމުގައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.