ހޮޓާތަކާއި ގެސްޓު ހައުސްތަކަށް ފަތުރުވެރިން ގެނައުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު/ ފޮޓޯ- ހަތާވީސް

ކޮވިޑް19 އާ ގުޅިގެން، ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަށާއި ސިޓީ ހޮޓާތަކަށް ފަތުރުވެރިން ގެނައުން މުއްދަތެއް ނެތް ގޮތަށް ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

މިގޮތަށް އަންގާފައި މިވަނީ މި މަހުގެ 17 ވަނަ ދުވަހުން ދެ ހަފްތާގެ މުއްދަތަކަށް ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަަކާއި ސިޓީ ހޮޓާތަކަށް މީހުން ގެނައުން މަނާ ކުރުމަށް އެޗްޕީއޭ އިން އަންގާފައިވާ އެންގުން މިއަދު ހަމަވުމާއި ގުޅިގެންނެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިއަދު ނެރުއްވި އެންގުމެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ހުރި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ބޭރުގެ ޓޫރިސްޓުން ގެނައުން ހުއްޓާލުމަށް އަންގާ ކަމަށާއި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހިންގާ ޓޫރިސްޓު ހޮޓާ، ގެސްޓްހައުސްތަކަށް ބޭރުގެ ފަތުރުވެރިން ނުގެންދެވޭނެ ކަމަށެވެ.

މިގޮތަށް އެންގި ނަމަވެސް މިހާރު އެތަންތަނުގައި ފަތުރުވެރިން ތިބި ކަމަށްވާ ނަމަ އެމީހުން ބުކިން ހަދާފައިވާ މުއްދަތު ހަމަވަންދެން އެތަންތަނުގައި ތިބެވޭނެ ކަމަށް ޑީޖީ މައިމޫނާ ސޮއިކުރައްވާ ނެރުއްވި އެންގުމުގައިވެއެވެ.

ރާއްޖޭގައި މި މަހުގެ 12ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 18 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން ތިން މީހުން ފިޔަވާ ދެން ތިބި 15 މީހުންނަކީ ހުސް ބިދޭސީންނެވެ. ތިން ދިވެހިންނަކީ ވެސް އިނގިރޭސިވިލާތުން ދަތުރުކޮށްފައި އައި ތިން މީހުންނެވެ. އެ ތިން މީހުން ފިޔަވާ ދެން ތިބި 15 މީހުން އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެމީހުން 30 ދުވަހުގެ މޮނީޓަރިން އެއްގައި ތިބޭނެއެވެ.

މިހާތަނަށް 1093 ސާމްޕަލްއެއް ނަގާފައިވާއިރު އޭގެތެރެއިން ޕޮޒިޓިވްވެފައި ވަނީ 17 ސާމްޕަލްއެކެވެ. އަދި 1065 ސާމްޕަލް ނެގެޓިވްވެފައިވާއިރު ނަތީޖާ ނުލިބި 11 ސާމްޕަލްއެކެވެ. އައިސޮލޭޝަން ފެސިލިޓީތަކުގެ ތެރެއިން ވެލިދޫ އައިސޮލޭޝަންގައި 17 މީހަކު ހުރިއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސޮލޭޝަންގައި ތިން މީހަކު އެބަހުއްޓެވެ. ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 867 މީހަކު އެބަހުއްޓެވެ.

ހިޔާލު ދެއްވާ!

Your email address will not be published.