މަސްތުގެ ހާލަތުގައި ހުރި ކުޑަކުއްޖަކު ދުއްވި ސައިކަލެއް ހެލްތު މިނިސްޓްރީގެ ކާރަކަށް އަރައިފި

ޓްރެފިކް ފުލުހެއް މާލޭގެ މަގެއްގެ މަތީގައި: ފޮޓޯ / ސަން

މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކު ދުއްވި ސައިކަލެއް ހެލްތު މިނިސްޓްރީގެ ކާރަކަށް އަރައިފިއެވެ.

ފުލުހުން ބުނީ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު ސައިކަލުގައި ދިޔަތަން ފެނިގެން އެ މީހާ ހުއްޓުވަން އުޅުމުގެ ތެރޭގައި އެ މީހާ ސައިކަލުގައި ފިލަން މަސައްކަތްކުރި ކަމަށެވެ.

ފުލުހުން ބުނީ ރޯޝަނީމަގާއި ސޯސަންމަގު ގުޅޭ ކަންމަތިން އޭނާ ސައިކަލުގައި ފިލަން މަސައްކަތް ކުރަނިކޮށް، ރޯޝަނީމަގުގައި މަޑުކޮށްގެން ހުރި ސައިކަލެއްގައި ޖެހި ވެއްޓުނު ކަމަށެވެ. ނަމަވެސް އެމީހާ ތެދުވެގެން ދެވަނަ ފަހަރަށް ފިލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ހެލްތު މިނިސްޓްރީއިން ދަތުރުތައް ކުރުމަށް ގެންގުޅޭ ކާރެއްގައި ޖެހި ދެވަނަ ފަހަރަށް އޭނާ އެކްސިޑެންޓުވީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސައިކަލު ދުއްވަން އިން މީހާގެ މައުލޫމާތުތައް ނެގުމުން އެއީ 17 އަހަރުގެ ކުއްޖެއްކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިހާރު އެ ކުއްޖާ ހައްޔަރުކޮށްފައިވާއިރު އެ ކުއްޖާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *