ޝަހީމް ފެއްޓެވި ގުރުއާން ޗެލެންޗުގައި ބައިވެރިވުމުގެ ދައުވަތު ނަޝީދަށް!

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ---

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި އަދި ކުރީގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމު އަދާ ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފައްޓަވާފައިވާ "ގުރުއާން ޗެލެންޖު"ގައި ބައިވެރިވުމުގެ ދައުވަތު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވައިފިއެވެ.

ޝަހީމް މި ޗެލެންޖު ފެއްޓެވީ އިއްޔެއެވެ. ގިނަ ބައެއްގެ ތަރުހީބި ލިބެމުން އަންނަ މި ޗެލެންޖު ފައްޓަވަމުން ޝަހީމް ވިދާޅުވެފައިވަނީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރުން ފެށުނީ ކަމަށެވެ. މީގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ބައިވެރިވެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ސޯޝަލް މީޑިއާގެ ޕްލެޓުފޯމްތައް ކަމަށްވާ ޓްވީޓާ އިންސްޓާގްރާމް އަދި ފޭސްބުކް މެދުވެރިކޮށް ވެސް މި ޗެލެންޖުގައި ބައިވެރިވެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމްގެ ޗެލެންޖާއި އެކު ގިނަ ބަޔަކު ގެންދަނީ މިހާރު ޤުރުއާން ކިޔަވަމުން ނަގާފައިވާ ވީޑިއޯތައް މީސް މީޑިއާގައި އާއްމު ކުރައްވަމުންނެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވާ ކަމަށާއި މި ދައުވަތު ގަބޫލުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުރުން ޝަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓެރީ އައިމިނަތު ޝައުނާއާ ނާއިބު ރައީށް ފައިސަލް ނަސީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު އަދި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް މި ދައުވަތު އަރުވާފައެވެ. މިހާތަނަށް މިއިން އެއްވެސް ބޭފުޅަކު މި ދައުވަތު ގަބޫލުކުރައްވާފައެއް އަދި ނުވެއެވެ.

މި ދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން ސިއްހީ މާހިރުން އަންނަނީ ގޭގައި ގިނަވަގުތު ތިބުމަށް އިލްތިމާސް ކުރަމުންނެވެ. އަދި އެކަމާއި އެކި މީހުން އަންނަނީ ގޭގައި ތިބެގެން ކުރެވޭނެ ތަފާތު ކަންކަން ކުރަމުންނެވެ. އޭގެތެރެއިން ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލް ވެފައިވާ އެއް ކަމަކީ ސްޓޭ އެޓް ހޯމް ޗެލެންޖެވެ. ދުނިޔޭގެ މަޝްހޫރު ގިނަ ފުޓުބޯޅަ ކުޅުންތެރިންތަކެއް ބައިވެރިވި މި ޗެލެންޖަކީ ޓޮއިލެކްޓު ޕޭޕަރު ބޭނުން ކޮށްގެން ޖަގްލް ކުރާ ކުޅިވަރެކެވެ. މި ޗެލެންޖުގައި ސަރުކާރުގެ ގިނަ ވަޒީރުންނާއި މަޖިލިސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.