އައްޑޫ ސިޓީން ސާމްޕަލް ނެގި ތިން ދިވެހިންވެސް ކޮވިޑް19 އަށް ނެގެޓިވްވެއްޖެ

އައްޑޫ ސިޓީ: ފޮޓޯ / ޝާރިގް އެން ފަސާ

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިދް19 ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން އައްޑޫ ސިޓީން އެ ބައްޔަށް ޓެސްޓު ކުރި ތިން ދިވެހިން ވެސް އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އިންޑިއާގެ ކޮޗިން އަށް ދަތުރުކޮށްފައި އައި މީހަކު ބަލިވެގެން ވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައެވެ. އަދި އޭނާގެ ޓްރެވަލް ހިސްޓްރީއަށް ބެލުމަށްފަހުއާ އޭނާގެ ގައިން ފެނުނު އަލާމާތްތަކަށް ރިއާޔަތް ކޮށް އޭނާ ވަނީ ޓެސްޓު ކޮށްފައެވެ. އަދި އެމީހާ ބެލި ޑޮކްޓަރާއި ނަރުހުންވެސް ހޯމް ކަރަންޓީންގައި ހުރުމަށް ވަނީ އަންގާފައެވެ.

މިހާތަނަށް 1093 ސާމްޕަލްއެއް ނަގާފައިވާއިރު އޭގެތެރެއިން ޕޮޒިޓިވްވެފައި ވަނީ 17 ސާމްޕަލްއެކެވެ. އަދި 1065 ސާމްޕަލް ނެގެޓިވްވެފައިވާއިރު ނަތީޖާ ނުލިބި 11 ސާމްޕަލްއެކެވެ. އައިސޮލޭޝަން ފެސިލިޓީތަކުގެ ތެރެއިން ވެލިދޫ އައިސޮލޭޝަންގައި 17 މީހަކު ހުރިއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސޮލޭޝަންގައި ތިން މީހަކު އެބަހުއްޓެވެ. ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 867 މީހަކު އެބަހުއްޓެވެ.

ރާއްޖެއިން ކޮވިދް19 އަށް 18 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 15 މީހެއް ވަނީ އެބަލިން ރަނގަޅުވެފައެވެ ބާކީ މިހާރު ފަރުވާ ދެމުން ދަނީ އެންމެ ފަހުން މި ބައްޔަށް ޕޮޒިޓިވްވި ތިން ދިވެހިންނަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.