9 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި އަށް މީހަކަށް ދައުވާކޮށްފި

މަސްތުވާތަކެތީގެ މައްސަލާގައި ދައުވާކުރި މީހުން --

މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓުމަންޓު (ޑީއީޑީ)އިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފުލުހުން ހައްޔަރުކުރި 9 މީހުންގެ ތެރެއިން 8 މީހަކަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެ އޮޕަރޭޝަންގައި ޖުމްލަ 10 ގެއެއް ފުލުހުން ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ 9 ކިލޯއަށްވުރެ ގިނަ ޑައަމޯފިންއާ ހެރޮއިން އާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކުށުގެ ވެށިން ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވަނީ ފްރީޒްކޮށްފައިވާ ކަމަށެވެ.

ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ، ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު (24އ) އާއި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (23އ) އާއި ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހްމަދު ގިޔާސް (25އ) އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (50އ) އާއި ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން (25އ) އާއި ކ. މާލެ، މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (25އ) އާއި ކ. މާލެ، މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް (37އ) އާއި ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހު (32އ) އަދި ގއ. ގެމަނަފުށި، ސުރައްޔާމަންޒިލް، މުހައްމަދު ސިދުރަތު (27އ) އެވެ. މި މައްސަލާގައި ޕީޖީ އޮފީހުން ވަނީ ގއ. ގެމަނަފުށި، ސުރައްޔާމަންޒިލް، މުހައްމަދު ސިދުރަތު (27އ) ފިޔަވާ އެހެން އެންމެންގެ މައްޗަށް ދައުވާ އުފުލާފައެވެ.

ދައުވާ އުފުލި މީހުންނާއި އުފުލި ދައުވާތައް: 

އަރުޝަދު ހާލިދު: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.

އަލީ ޒުބައިރު: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.

އަހުމަދު ސުނައިނު: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ.

އަސްލަމް ނާޒިމް: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.

ހުސައިން ޒަހީން: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.

އަހުމަދު ގިޔާސް: ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.

އިސްމާއިލް ވިޝާލް: ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ.

އަހުމަދު އިމްސާހް: ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.

މީގެއިތުރުން ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 160 ވަނަ މާއްދާއާ ހަވާލާދީ، އެގާނޫނުގެ 158 ވަނަ މާއްދާގެ (ހ) ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނުކަމަށް ތުހުމަތުކުރެވޭ 1،535،110 ރުފިޔާ އާއި 146،731 ޔޫއެސް ޑޮލަރާ އެކު ޖުމްލަ 3،797،702 ރުފިޔާ ދައުލަތަށް ނަގައިދިނުމަށް ވެސް ޕީޖީން ވަނީ އެދިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.