އިންޑިއާއިން ނުގެނެވި ހުރި ބޭސް ޝިޕްމަންޓުތައް ގެނައުމުގެ މަސައްކަތް ކުރަނީ

މީގެކުރިން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން ބޭސް ޝިޕްމަންޓު --

ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން އަކަށް ދިޔުމާ ގުޅިގެން އެޤައުމުގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އެރުމާ ގުޅިގެން ރާއްޖެއަށް ގެންނަން ތައްޔާރުކޮށްފައިވާ ބޭހުގެ ޝިޕްމަންޓްތައް ރާއްޖެ ނުގެނެވި ހުރުމާ ގުޅިގެން އެތަކެތި ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިވަގުތު އިންޑިއާގެ އެތެރޭގެ ދަތުރުފަތުރު އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވުމުން ބޭސްތައް ހުރި ސިޓީތަކުން އެއްތަނަކަށް ގެންގޮސް، ރާއްޖެއަށް ބޭސް ގެނައުމުގައި ދަތިތަކެއް ހުރުމާ ގުޅިގެން، އެތަކެތި ގެނައުމަށް ރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ، އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން މާދަމާގެ ވަގުތެއްގައި އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައި އިންޑިއާގެ ނިއުދިއްލީ، މުމްބާއީ، ޗެންނާއީ އަދި މަދޫރާއީގައި ހުރި 8 ޓަނުގެ ބޭސް ރާއްޖެ ގެނައުމަށް އެއްތަނަކަށް ގެންދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ އަންނަ ބުރާސްފަތި ދުވަހު އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައި މިބޭސްތައް ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

“ރާއްޖެއަށް ބޭނުންވާ ޒަރޫރީ ވަރަށް ގިނަ މުދާ އިންޑިއާއިން އިމްޕޯޓްކުރަމުންދާއިރު، މިތަކެތި ރާއްޖެ ގެނައުމުގައި އެއްވެސް ދައްޗެއް ދިމާވިޔަ ނުދިނުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މިދޔަ ހަފްތާގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރާ މަޝްވަރާކުރައްވާފަ. ފޯނުން ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އެއްވެސް މެދުކެނޑުމެއް ނެތި ބޭހުގެ ބާވަތްތަކާ ކާޑުގެ ބާވަތްތައް ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާއިން ވަނީ މިނިސްޓަރ ޝާހިދަށް އަރުވާފައި. އެހެންކަމުން ލޮކްޑައުންގެ ހާލަތުގައިވެސް ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭހުގެ ބާވަތްތައް ގެނައުމަށް ދެޤައުމުގެ ސަރުކާރުގެ މެދުގައި މަޝްވަރާކުރެވި، އިރާދަކުރެއްވިއްޔާ މިހަފްތާ ނިމުމުގެ ކުރިން ބޭސް ލިބޭ ގޮތް މިވީ،” ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވިއެވެ.

މިއީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން (އެސްޓީއޯ) އިން އޯޑަރުކޮށްފައިވާ ބޭހުގެ ޝިޕްމަންޓަކެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ 3 މަސްދުވަހުގެ ސްޓޮކެއް ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ދީފައިވެއެވެ. އަދި ލޮކްޑައުން ހާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް ގެނައުމަށް ދިމާވި ދަތިތައްވެސް ހައްލުކޮށް، ކާޑުގެ ޝިޕްމަންޓްތައް ވަނީ ރާއްޖެ ގެނެސްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.