ޕޮޒިޓިވްވި ދިވެއްސަކާ އެކު، އެއް ކޮޓަރިއެއްގައި ހުރި މީހާގެ ސާމްޕަލް ނަގައިފި

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ރޯޔަލް އައިލެންޑު ރިސޯޓު --

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެއްސަކާއި އެކު އެއް ކޮޓަރިއެއްގައި ހުރި މީހާގެ ސާމްޕަލް ނަގާފައިވާ ސަރުކާރުން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އޭނާގެ ސާމްޕަލް ނެގުމަށް ކުރިން ނިންމާފައި ވަނީ މިއަދު މެންދުރު ކަމަށާއި ނަމަވެސް ސާމްޕަލް ނެގިފައިވަނީ މިއަދު ހަވީރު ކަމަށެވެ.  އެމީހާއަކީ ކޮވިޑް19 ޖެހުނު ދެވަނަ ދިވެހި މީހާއާ އެއް ކޮޓަރިއެއްގައި އުޅުނު މީހެކެވެ.

މަބްރޫކް މިރޭ ވިދާޅުވީ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި ދެ ދިވެހިންގެ ތެރެއިން ފުރަތަމަ އަށް ޕޮޒިޓިވްވި މީހާ (ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 16ވަނަ މީހާ)އާ ކޮންޓެކްޓުވި 29 މީހަކު ދެނެގަނެވިފައިވާ ކަމަށާއި އެމީހުން ހޯމް ކަރަންޓީގައި ތިބުމަށް އަންގާފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތުން އެނބުރި ރާއްޖެއައި އުމުރުން 38 އަހަރުގެ ދިވެހި މީހާ މިހާރު ކަރަންޓީނުކޮށް ދަނީ ފަރުވާދެމުންނެވެ. މިމަހުގެ 22ވަނަ ދުވަހު ރާއްޖެ އައި މިމީހާގެ ކިބައިން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ފުރަތަމަ ޓެސްޓްކޮށްފައި ވަނީ މިމަހުގެ 25ވަނަ ދުވަހުއެވެ. އަދި އެޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 27ވަނަ ދުވަހުއެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ދެވަނައަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ދިވެހި މީހާ (ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 17ވަނަ މީހާ)އާ ކޮންޓެކްޓުވި 48 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ މީހުން އައިސޮލޭޓު ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދެވަނަ ދިވެއްސެއްގެ ގޮތުގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ވެސް އިގިރޭސިވިލާތުން ރާއްޖެއަށް އެނބުރި އައި ދިވެއްސެކެވެ. އެ މީހާ ޕޮޒިޓިވްވިކަން އެގުނުއިރުވެސް ހުރީ ރޯޔަލް އައިލެންޑް ރިސޯޓްގައި ގާއިމްކޮށްފައިވާ ކަރަންޓިން ފެސިލިޓީގައެވެ.

މިހާތަނަށް 1093 ސާމްޕަލްއެއް ނަގާފައިވާއިރު އޭގެތެރެއިން ޕޮޒިޓިވްވެފައި ވަނީ 17 ސާމްޕަލްއެކެވެ. އަދި 1065 ސާމްޕަލް ނެގެޓިވްވެފައިވާއިރު ނަތީޖާ ނުލިބި 11 ސާމްޕަލްއެކެވެ. އައިސޮލޭޝަން ފެސިލިޓީތަކުގެ ތެރެއިން ވެލިދޫ އައިސޮލޭޝަންގައި 17 މީހަކު ހުރިއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސޮލޭޝަންގައި ތިން މީހަކު އެބަހުއްޓެވެ. ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 867 މީހަކު އެބަހުއްޓެވެ.

ރާއްޖެއިން ކޮވިދް19 އަށް 17 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 15 މީހެއް ވަނީ އެބަލިން ރަނގަޅުވެފައެވެ ބާކީ މިހާރު ފަރުވާ ދެމުން ދަނީ އެންމެ ފަހުން މި ބައްޔަށް ޕޮޒިޓިވްވި ދެ ދިވެހިންނަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.