ސްޓޫޑަންޓު ލޯނު ދެއްކުން ވެސް ހަމަސް ދުވަހަށް ފަސް ކޮށްދީފި

ބީއެމްއެލް ހެޑް އޮފީސް/ ފޮޓޯ- ބީއެމްއެލް

ކޮވިޑް19 ގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަޅަމުން ދާ ފިޔަވަޅުތަކުގެ ތެރެއިން، ސްޓޫޑެންޓް ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް އެ ބޭންކުން ފަސްކޮށްދީފިއެވެ.

ބީއެމްއެލް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސްޓޫޑަންޓް ލޯނުތަކަށް ފައިސާ ދެއްކުން މި މަހުން [މާޗު މަސް] ފެށިގެން ހަ މަސް ދުވަހަށް ފަސްކޮ ދީފައިވާ ކަމަށެވެ. އަދި ލޯނު ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތައްވެސް ހަ މަސް ދުވަސް އިތުރު ކޮށްދީފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ. އަދި ލޯނުގެ ބާކީ އޮންނަ މުއްދަތުގައި މަހުން މަހަށް ދައްކަން ޖެހޭ އެއްވެސް ފައިސާ އެއް އިތުރެއް ނުވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ބޭންކުން ބުނީ ސްޓޫޑެންޓް ލޯނު ލަސްކުރުމަށް ބޭންކުގައި އެދެން ނުޖެހޭނެ ކަމަށެވެ. އަދި އެކަން ކުރަމުން ގެންދާނީ އެ ބޭންކުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ހަޔާ އެޑިޔުކޭޝަނުން މިނިސްޓްރީއިން މީގެ ކުރިން އިއުލާންކޮށްފައިވާ ގޮތުގައި، ބީއެމްއެލް މެދުވެރިކޮށް، ދޫކޮށްފައިވާ ނެޝަނަލް ސްޓޫޑަންޓް ލޯނުތައް އަދި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް އަނބުރާ ފައިސާ ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދޭނެއެވެ.

މިދިޔަ ބުދަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ސްޓޫޑަންޓު ލޯނުތައް ދެއްކުން ބީއެމްއެލް އިން ފަސްކޮށްދޭނެ ކަމަށެވެ. ސްޓޫޑަންޓު ލޯނު ދެއްކުން ބީއެމްއެލް އިން ހަމަސް ދުވަހަށް ފަސް ކޮށްދީފައިވާއިރު އެ ބޭންކުން ވަނީ އެ ބޭންކުން އާއްމު ފަރުދުން ނަގާފައިވާ އެންމެހާ ލޯނުތައް ދެއްކުން ހަމަސް ދުވަހަށް ފަސް ކޮށްދީފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.