ޝައްކުވެގެން ސަފާރީއެއްގައި ހުރި މީހަކު ކޮވިޑް19 އަށް ޓެސްޓު ކުރަނީ

ރާއްޖޭގައި އޮޕަރޭޓު ކުރާ ސަފާރީތަކެއް: ފޮޓޯ / ލިވަބޯޑު އެސޯސިއޭޝަން

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ޝައްކުވެގެން ސަފާރީއެއްގައި ހުރި މީހަކު ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުން ކޮވިޑް19 އަށް ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ “މޯލްޑިވިއަން” ނަމަކަށް ކިޔާ ސަފާރީއެއްގައި ހުރި ދިވެއްސެއްގެ ގައިން ކޮވިޑް19 ގެ އަލާމާތްތައް ފެނިފައިވުމާއި ގުޅިގެން އޭނާ އެ ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ސަފާރީ މޮނީޓަރިންގެ ހާލަތުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ސަފާރީއާ އެކުގައި ޖުމްލަ ހަތަރު ބޯޓެއް ނުވަތަ ސަފާރީއެއް ވަނީ މޮނީޓަރިންގެ ހާލަތުގައެވެ. މަބްރޫކް ވިދާޅުވީ މިހާތަނަށް 1093 ސާމްޕަލްއެއް ނަގާފައިވާ ކަމަށާއި އޭގެތެރެއިން ޕޮޒިޓިވްވެފައި ވަނީ 17 ސާމްޕަލްއެއް ކަމަށެވެ. އަދި 1065 ސާމްޕަލް ނެގެޓިވްވެފައިވާއިރު ނަތީޖާ ނުލިބި 11 ސާމްޕަލްއެއްވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގެ ތެރެއިން ވެލިދޫ އައިސޮލޭޝަންގައި 17 މީހަކު ހުރިއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސޮލޭޝަންގައި ތިން މީހަކު އެބަހުއްޓެވެ. ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 867 މީހަކު އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިދް19 އަށް 17 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 15 މީހެއް ވަނީ އެބަލިން ރަނގަޅުވެފައެވެ ބާކީ މިހާރު ފަރުވާ ދެމުން ދަނީ އެންމެ ފަހުން މި ބައްޔަށް ޕޮޒިޓިވްވި ދެ ދިވެހިންނަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.