އިންޓަނެޓުގެ އަގަށް ބަދަލުތައް އަންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން: މަބްރޫކް

ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު މަބުރޫކު އަޒީޒު

ކޮވިޑް19 އާ ގުޅިގެން އިންޓަނެޓުގެ އަގަށް ބަދަލުތައް އަންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް ކޮވިޑް19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19އާ ގުޅިގެން މިދިޔަ ބުދަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ، މިދުވަސްވަރު އިންޓަނެޓް ބޭނުން ކުރާ އަދަދު އިތުރުވެފައިވާ ކަމަށާއި އެކަމުގައި ލުއިތަކެއް ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ދެ ތިން ދުވަހެއްގެ ތެރޭގައި ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިފަދަ ދަނޑިވަޅުގައި އިންޓަނެޓުގެ ލުއިތަކެއް ނުލިބޭތީ، ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައްޔިތުންގެ އެ ކަންބޮޑުވުމާ ގުޅޭގޮތުން ކޮމިއުނިކޭޝަންސް އޮތޯރިޓީއާ ސުވާލުކުރަން، އެ އޮތޯރިޓީގެ އިސްވެރިންް މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްދޭންވެސް މި ފަހުން ވަނީ އެދިފައެވެ. އެ ބޭފުޅުން ހާޒިރު ކުރަން އެދުނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުމް ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެކަމުގައި މުއާސަލާތު ކުންފުނިތަކާއި ސަރުކާރުން ދައްކަން ޖެހޭ ވާހަކައެއް ދައްކާ ނިންމާފައިވާ ކަމަށެވެ.

"މިއާއި އެކީގައި އަންނަ ބަދަލުތައް އަންނާނީ އޭޕްރީލް އެކަކުން ކަމަށް އަޅުގަނޑުމެންނަށް މި އެނގެނީ. މިކަމާއި ގުޅިގެން ޓެލެކޮމް ކޮމްޕެނީސް ތަކުން [މުއާސަލާތު ކުންފުނިތައް] އެގެންނަ ބަދަލުތައް ހާމަ ކޮށްދޭނެ،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި އިންޓަނެޓުގެ އަގުބޮޑުވާތީ އާންމުން މިހާރު ވަކިން ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާއިރު ބައެއް އިންޓަނެޓު އޮޕަރޭޓަރުން ވަނީ ބައެއް ހާއްސަ ލުއިތަކެއް ދީފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.