މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނި އަރުޝަދު ކޯޓުން ދޫކޮށްލައިފި

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ އަރުޝަދު: ފޮޓޯ / ޕޮލިސް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީ ވިޔަފާރި ކުރާ މީހެއް ކަމަށް ފުލުހުން ބުނި އަރުޝަދު ހާލިދު ކޯޓުން މިއަދު ދޫކޮށްލައިފިއެވެ. އޭނާ ފުލުހުން ހައްޔަރުކުރީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގެ ތެރެއިންނެވެ.

އެ މައްސަލާގައި ފުލުހުން ޖުމްލަ 9 މީހަކު ހައްޔަރުކުރިއެވެ. އެ މީހުންގެ ތެރެއިން އެންމެ އިސްކޮށް ނުވަތަ އެމީހުންގެ ބޮޑަކަށް ހުރީ އަރުޝަދު ކަމަށް ފުލުހުން އޭރު ބުންޏެވެ. އެ އޮޕަރޭޝަންގައި ފުލުހުން ވަނީ 4.6 މިލިއަން ރުފިޔާ ވެސް ހޯދާފައެވެ. ފުލުހުން ބުނީ ކުށުގެ ވެށިން ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވަނީ ފްރީޒްކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު އިތުރު ބަޔަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސެކުއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އޭނާގެ މައްޗަށް މިއަދުގެ ވަގުތެއްގައި ޑައަމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މިއަދު އަރުޝަދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު 12:00ގައި ކޯޓަށް ހާޒިރު ކުރުމަށް ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ދޫކޮށްލީ ކޮން ޝަރުތުތަކެއް ކޮށްފައި ކަމެއް ނޭނގެއެވެ.

ފުލުހުން މީގެކުރިން ބުނި ބޭންކް އެކައުންޓަކީ އަރުޝަދުގެ ނަން މަތީގައި ހުޅުވާފައިވާ އެކައުންޓެކެވެ. އެހެންކަމުން ކުރިންވެސް ފުލުހުން ބުނި ފަދައިން އެ އެކައުންޓުގައި ހުރި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާތަކެއް ކަމަށް ތަހުގީގަށް ސާބިތު ކުރެވޭތީ އެ ފައިސާތައް [4.6 މިލިއަން ރުފިޔާ] ކޯޓު އަމުރެއްގެ ދަށުން ވަނީ ފްރީޒު ކޮށްފައެވެ.

މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރި ގިނަ މީހުންނަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ތަފާތު ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ. ހައްޔަރުކުރި މީހުންގެ އުމުރަކީ 24 އަހަރާއި 50 އަހަރާއި ދެމެދެވެ.

ހިޔާލު ދެއްވާ!

Your email address will not be published.