ފަސް ރިސޯޓަކުން ނެގި ސާމްޕަލް ނެގެޓިވުމުން ރަށްތައް ހުޅުވާލައިފި

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ޝައްކު ކުރެވިގެން ފަސް ރިސޯޓަކުން ނެގި ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ދަ ސްޓޭންޑަރޑް ހުރުވަޅި މޯލްޑިވްސް ރިސޯޓާއި ދި ރެޒިޑެންސް މޯލްޑިވްސް އެޓް ދިގުރަށާއި ތާޖް އެގްޒޯޓިކާ ރިސޯޓާއި ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓު އަދި ފިލިތެޔޮ އައިލެންޑް ރިސޯޓުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އެ ރަށްތަކުން ނެގި ސާމްޕަލް ނެގެޓިވްވުމާއި އެކުގައި އެ ރަށްތައް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން 1089 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 933 ސާމްޕަލް ނެގެޓިވް ވެފައިވާއިރު ޕޮޒިޓިވް ވެފައިވަނީ 17 މީހެއް ކަމަށާއި އަދި މިހާތަނަށް ލެބޯޓްރީގައި 139 ސާމްޕަލްގެ ނަތީޖާ ނުލިބިވާކަމަށް މަބުރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީސްތަކުގައި މިހާރު ތިބި މީހުންގެ ޖުމްލަ އަދަދަކީ 867 މީހުން ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

ސަރުކާރުން އިއްޔެ ވަނީ ކަރަންޓީން ފެސިލިޓީސްތަކުގައި ތިބި މީހުން ކަރަންޓީންގެ މުއްދަތު ހަމަވުމުގެ ކުރިން ކޮވިޑް19 އަށް ޓެސްޓު ކުރުމަށްވެސް ނިންމާފައެވެ. ރާއްޖެއިން 17 މީހަކު ޕޮޒިޓިވްވިއިރު އޭގެތެރެއިން 15 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. ބާކީ ތިބި ދެމީހުންނެވެ. އެ ދެމީހުންގެ ހާލަތުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *