އަމުރާއި ހިލާފަށް މަނަފަރު ރިސޯޓަށް އެރި މުވައްޒަފަށް ދައުވާކޮށްފި

މަނަފަރު ރިސޯޓު --

ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް ޑިރެކްޓަރު ޖެނެލަރް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެންގުމާއި ހިލާފަށް ޖޭ.އޭ މަނަފަރު ރިސޯޓަށް އެރި އެ ރިސޯޓުގެ މުވައްޒަފުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ދައުވާ ކޮށްފިއެވެ،

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް އެންގި އެންގުމާ ހިލާފަށް ޖޭ.އޭ. މަނަފަރު ރިސޯޓަށް އެރި މީހެއްގެ މައްޗަށް، ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން، ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލުމަށްފަހު ހއ. ކެލާ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ ހަމަހާއި އެއް އަަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާޗު 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ދާދިފަހުން އެ އެންގުމުގެ މުއްދަތު ހަމަވާން ގާތްވެފައި ވާތީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ވަކި ގޮތެއް އަންގަންދެން ރަށްރަށުން ރިސޯޓުތަކަށް އެރުން މަނާ ކޮށްފައެވެ. އަދި އެ އެންގުމަށް ހުރިހާ ފަރާތްތަކަކުން ވެސް ބޯލެނބުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހުނު ގިނަ މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ރިސޯޓުތަކަށް ޗުއްޓީ ހޭދަ ކުރުމަށް އައިސް ތިބި ފަތުރުވެރިންނެވެ. ޖުމްލަ 15 ބިދޭސީއަކަށް މި ވައިރަސް ޖެހުނު ނަމަވެސް މިހާރު އެ އެންމެންގެ ހާލަތުވެސް ރަނގަޅު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *