ފުށްދުންތެރިކަން ހުންނަ މީހާ ދައުލަތަށް އެއްޗެއް ދޭންވީ ވަގުތަކީ މިއީ: އީވާ

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

މުޅި ދުނިޔޭގައި ހަލުވިކޮށް ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އަސަރުކޮށްފައިވާއިރު މިއީ ފުދުންތެރިކަން ހުންނަ މީހާ ދައުލަތަށް އެއްޗެއް ދޭންވީ ވަގުތު ކަމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މި ދަނޑިވަޅަކީ އިންކަމް ޓެކްސް ނަގަންވީ ދަނޑިވަޅު ކަމަށެވެ. އީވާ ވިދާޅުވީ ބައެއް ފަރާތްތަކުން މި ދަނޑިވަޅަކީ އިންކަމް ޓެކްސް ނެގުން އެންމެ ރަނގަޅު ވަގުތުތޯ ސުވާލު އުފެއްދި ނަމަވެސް މިވަގުތަކީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

ތިމާގެ ގެއަށް 60،000 ރުފިޔާ ވެއްދޭ ހާލަތުގައި ހުރި މީހެއް ނަމަ މި ވަގުތަކީ ދައުލަތަށް އެހީތެރިވުމުގެ ގޮތުން ޓެކްސް ދައްކަންވީ ވަގުތު ކަމަށެވެ. މުޅި ދުނިޔެ އިގްތިސޯދީ “ހިލުން” ގަނޑަކަށް ވެއްޓިފައިވާ ކަމަށް ވިދާޅުވެ އީވާ ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިގްތިސާދުވެސް އޮންނަންޖެހޭނީ މެދުރާސްތާ އަދި ދުރު ރާސްތާ ވިސްނުމަކަށް ތައްޔާރަށް ކަމަށެވެ.

މިއީ އިންކަމް ޓެކްސް ނަގަންވީ ވަގުތު ކަމަށް އީވާ ވިދާޅުވިއިރު ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އިންކަމް ޓެކްސް އަންނަނީ ނަގަމުންނެވެ.

އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޑިސެމްބަރު ހަތަރުވަނަ ދުވަހުއެވެ. މި ބިލު ފާސްކުރީ 67 މެންބަރުންގެ ވޯޓުންނެވެ.

އާމްދަނީ އިން ޓެކްސް ނެގުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިއީ އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައިވެސް ކަނޑައަޅާފައިވާ ކަމެކެވެ. އިންކަމް ޓެކްސްގެ ބިލު ތަސްދީގުކޮށް ގާނޫނަކަށް ވެފައިވާއިރު އާމްދަނީ އިން ޓެކްސް ނަގާނީ، މަހެއްގެ މައްޗަށް 60،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަަތުންނެވެ.

ފަރުދުންގެ އާމްދަނީއިން ނަގާ ޓެކްސް ޖެނުއަރީ އެކަކުން ފެށިގެން ނަގަން ފަށާނެ އެވެ. ނަމަވެސް, އާންމުފަރުދުންނަށް ލިބޭ މުސާރައިގެ އާމްދަނީއިން އެ ޓެކްސް ނަގަން ފަށާނީ އަންނަ އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން އެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.