ރައްޔިތުންނަށް ދަތިވާކަން އެނގޭ، އެކަމަކު ދިވެހިންނަކީ ދަތި އުނދަގޫތަކުން އަރައިގަންނަ ބައެއް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ވާހަކަދައްކަވަނީ: ފޮތޯ / މަޖިލިސް
މުޅި ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން އެކަމުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވާކަން އެނގިލައްވާ ކަމަށާއި ނަމަވެސް ދިވެހިންނަކީ އަބަދުވެސް ދިމާވާ ދަތި އުނދަގޫތަކުން އަރައިގަންނަ ބައެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވެބް ކޮންފަރެންސްކޮށް ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާއެއް ބާއްވާ މިއަދު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ވެބް ކޮންފަރެންސްކޮށް މަޖިލީހުގެ ޖަލްސާތައް ބާއްވަން ފެށީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި މަޖިލިސް ގެންދިއުމަކީ މުހިއްމު ކަމަކަށް ވާތީ ކަމަށެވެ. ނަޝީދު ވަނީ ކޮވިޑް19 އިތުރަށް ފެތުރުނަ ނުދިއުމަށް ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލިހުގެ މެމްބަރުންގެ ނަމުގައާއި އެމަނިކުފާނުގެ ނަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އަދި އަޅަމުން އަންނަ ފިޔަވަޅުތަކަށް ޝުކުރުއަދާކޮށްފައިވެއެވެ.
މުޅި ދުނިޔެ ވަނީ ކޮވިޑް19 ރޯގާގެ އަނދިރި ވިލާގަނޑެއްގެ ދަށުގައިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މިކަމުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަކީ ރޯގާ ބޮޑުކޮށް ފެތުރިދާނެ ދުވަހަކަށް ތައްޔާރުވުމަށް އަޅާފިޔަވަޅުތަކެއް ކަމަށެވެ.'
ނަޝީދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ހާއްސަކޮށް މަޖިލީހުގެ މެންބަރުން ތިއްބަވަން ވާނީ ރައްޔިތުންނަށް ފަސޭހައިން ގުޅޭގޮތަށް ކަމަށާއި، ޝަކުވާތައް އަޑުއިވޭގޮތަށް ކަމަށް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.