ޑޮކްޓަރަށް ދެއްކުމާއި ނުލާ ދިގު މުއްދަތަށް ބޭސްކާ މީހުންނަށް ބޭސް ލިބޭނެ

އާސަންދަ --

ރާއްޖެއިން ކޮވިޑް19 ފެނިފައިވާތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި މުއްދަތުގެ ތެރޭގައި ދިގު މުއްދަތަށް ބޭސްކާންޖެހޭ ފަރާތްތަކަށް އަލުން ބޭސް ސިޓީ ނުހައްދައި އިތުރު ފާމަސީތަކުން ބޭސް ނެގޭނެ އިންތިޒާމް އާސަންދައިން ހަމަޖައްސައިފިއެވެ.

އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެއްގެ ނުވަތަ ކްލިނިކެއްގެ ތެރޭގައި ނުހިމެނޭ ހުރިހާ ފާމަސީއަކުން ވެސް އެ ހިދުމަތް މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ.

އާސަންދައިން ބުނީ ކުރިން ދޫކޮށްފައިވާ ބޭސް ސިޓީއަކަށް ބޭސް ނަގާ ނަމަ ފާމަސީއަށް ދާން ޖެހޭނީ އެންމެ ގިނަވެގެން ތިން މަސް ނުވާ ބޭސް ސިޓީއަކާ އެކު ކަމަށެވެ. އަދި އާސަންދަ ސްކީމްގެ ދަށުން ހިދުމަތްދޭ ބޭރުގެ ހޮސްޕިޓަލަކުން ދީފައިވާ ބޭސް ސިޓީއެއްނަމަ، ހަ މަސްދުވަސްވެފައި ނުވާ އެންމެ ފަހުގެ ބޭސްސިޓީ ފާމަސީއަށް ގެންދަން ޖެހޭއިރު ބޭސް ހުށަހަޅަން ޖެހޭނީ އަތުގައި ހުރި ބޭސް ހުސްވުމުގެ 15 ދުވަސް ކުރިން ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ ބޭސް ދޫކުރާނީ ބަލި މީހާގެ އައިޑީކާޑު ދެއްކުމުން ކަމަށެވެ. ދިގު މުއްދަތުގެ ބައްޔެއް ނޫން އެހެން ބައްޔަކަށް ބޭނުންކުރާ ބޭހެއް ވަގުތީ ގޮތުން ބޭނުންކުރުމަށް ޑޮކްޓަރަކު ބޭސް ސިޓީގައި ލިޔެފައި އޮތް ކަމުގައި ވީނަމަވެސް އެފަދަ ބޭހެއް ދުލެއް ނުކުރާނެއެވެ.

އާސަންދައިން ބުނީ މިގޮތަށް އަމަލު ކުރަމުން ގެންދާނީ ހަމައެކަނި ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށެވެ. އަދި މި މުއްދަތުގައި ބޭސް ބަދަލުކޮށް ނުވަތަ ބައްޔަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެކުންފުނިން އިލްތިމާސްކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.