އުފަންވުން ރެޖިސްޓްރީކުރުމާއި ރަށްވެހިވުމާއި ބެހޭ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

މާލެ ސިޓީ ކައުންސިލްގެ އޮފީސް -- ފޮޓޯ / ސަން

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާތީ މާލޭ ސިޓީ ކައުންސިލުގެ ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަނުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ މި މުއްދަތުގައި ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަނުން އުފަންވުން ރެޖިސްޓްރީކުރުމާއި އަދި ރަށްވެހިވުމާއި ބެހޭ ހިދުމަތް ދިނުމަށް ހަމަޖެފައިވަނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އުފަންދުވަހުގެ ސެޓްފިކެޓް ގެއްލިގެން އަލުން ހެއްދުމަށް އެދި ހުށަހަޅާ ފޯމުތަކާއި އުފަންދުވަހުގެ ސެޓްފިކެޓް އާކުރުމަށް އެދި ހުށަހަޅާ ފޯމުތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

ސަރުކާރު އެންމެ ފުރަތަމަ ބަންދު ކުރީ އެ އެއް ހަފްތާގެ މުއްދަތަކަށެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު އެއް ހަފްތާއަށް ސަރުކާރުން ބަންދު ކޮށްފައެވެ. ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކާ އިއުލާން ކޮށްފައެވެ. އެގޮތަށް އިއުލާން ކުރީ މި މަހުގެ 12ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.

ސިޓީ ކައުންސިލުން ވަނީ ސަރުކާރު ބަންދު ކުރުމާއި ގުޅިގެން މަގު ބަންދުކޮށްގެން ރޭގަނޑުގެ ވަގުތުތަކުގައި ކުރަމުން ގެންދިޔަ މަސައްކަތްތައް ދުވާލު ގަޑިއަށް ބަދަލުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.