ހުރިހާ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންނާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރޭގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހުރިހާ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަނީ --- ފޮޓޯ : ފޮރިން މިނިސްޓްރީ

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ 17 ޑިޕްލޮމެޓިކް މިޝަންގެ އެންމެ އިސް ބޭފުޅުންނާ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ރޭ ބައްދަލުކުރައްވައިފިއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވެވި މި ބައްދަލުވުމުގައި ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ހައިކޮމިޝަންތަކާ، އެމްބަސީތަކާ، ޕާމަނަންޓް މިޝަންތައް އަދި ކޮންސިއުލޭޓް ޖެނެރަލް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ އަދި ދިމާވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ، ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވީ މީގެކުރިންވެސް ކޮންމެ ދުވަަހަކުވެސް ވަކިވަކިން މިޝަންތަކުގެ އިސްވެރިންނާއި މިނިސްޓަރު ވާހަކަދައްކަވާ ކަމަށެވެ. ނަމަވެސް އިއްޔެގެ ކޮންފަރެންސްގައި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާއި ބެހޭ ގޮތުން މައުލޫމާތު ހޯއްދެވި ކަމަށް އޭނާ ވިދާޅުވިއެވެ.

"އިއްޔެ ހުރިހާ ސަފީރުންނާ އެއްވަގުތެއްގައި ވީޑިއޯ ކޯލް މެދުވެރިކޮށް މިނިސްޓަރ ބައްދަލުކުރެއްވިނަމަވެސް ކޮންމެ ދުވަހަކުވެސް ވަކިވަކިން މިޝަންތަކުގެ އިސްވެރިންނާ ވާހަކަފުޅު ދައްކަވައި، ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާ. ޚާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވައި، އެކަންކަން ހައްލުކުރުމަށް އެޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް ފޯނުން ގުޅުއްވައި، މަޝްވަރާ ކުރައްވާ،" މިއުވާން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ދަތުރު ނުކުރެވި، ތާށިވެފައި ތިބި ދިވެހިންނަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މިޝަންތަކުގެ ވެރިން އަރިހުން މިނިސްޓަރު އެދިވަޑައިގެންފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *