61 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި

61 ކިލޯގެ މަސްތުވާތަކެއްޗާއި އެކުގައި ހައްޔަރުކުރި މީހުންގެ ފޮޓޯ --

ފުލުހުންގެ އިންޓަލިޖެންސާއި ޑްރަގު އެންފޯސްމަންޓު ޑިޕާޓުމަންޓު ގުޅިގެން މި މަހުގެ 20ވަނަ ދުވަހު ކުރިޔަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 61 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި 11 މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހުޅުމާލެއާ މާލޭގެ ހަތަރު ގެއެއް ބަލާ ފާސްކޮށް 11 މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މީހުންގެ ތެރެއިން އެއްބަޔަކު ހައްޔަރުކުރީ މަސް ބޯޓަކުންނެވެ. އެ ބޯޓުން ހައްޔަރުކުރީ 7 މީހެކެވެ. ބާކީ ތިބި މީހުން ހައްޔަރުކުރީ ހުޅުމާލެއިންނެވެ.

ހައްޔަރުކުރި 11 މީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ މީހުންނެވެ. ފުލުހުން ބުނީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މި މަހުގެ 26ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން ހައްޔަރުކުރި އެންމެންގެ ބަންދަށް 10 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާރު ދަނީ އެ މައްސަލައާ ގުޅިގެން ހެކި ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. މި އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 72 މިލިއަން ރުފިޔާއަށް އަރައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.