ވަކި ގޮތެއް އަންގަންދެން ސިނަމާތައް ބަންދުކޮށްފައި ބެހެއްޓުމަށް އަންގައިފި

ށްވެކް ސިނެމާ/ ފޮޓޯ- ހިމާލް ސައުތް އޭޝިއަން

ރާއްޖޭގައި ކޮވިޑް19 ފެތުރުމާއި ގުޅިގެން ސިނާމާތަކާއި ފިލްމް ތިއޭޓަރުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައިވާ އެންގުން ވަކި ގޮތެއް އަންގެން އަމަލު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިއަދު ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ސިނަމާތައް ބަންދުކޮށްފައި ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެ އެންގުމަށް ހުރިހާ ފަރާތްތަކަކުން އަމަލު ކުރުމަށްވެސް ވަނީ އެދިފައެވެ.

ސިނާމާތަކާއި ފިލްމް ތިއޭޓަރުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެންގީ މި މަހުގެ 16ވަނަ ދުވަހުއެވެ. މިފަދަ ފިޔަވަޅު އެޅިފައިވަނީ، ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސަލަމަތާއި ރައްކާތެރި ކަމަށްޓަކައި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމަށްޓަކައި އެ ގަނޫނުގެ 33 ވަނަ މާއްދާގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ހެލްތް މިނިސްޓަރު އިއުލާންކޮށްފައިވާ ހިނދު، އެ ގާނުނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން ކަމަށް ޑީޖީ މައިމޫނާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނީ މިހާތަނަށް ޖުމްލަ 17 މީހަކަށެވެ. އެއީ ކުރެއްދޫ އައިލެންޑު ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވި ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސް އިން ޕޮޒިޓިވްވި ދެ މީހަކާއި އިނގިރޭސިވިލާތުން ރާއްޖެ އަށް އައި ދެ ދިވެއްސަކާއި ރާއްޖޭގައި މަޑު ކުރުމަށްފަހު ފުރައިގެން ދިޔަ އިޓަލީގެ ދެ މީހެކެވެ.

އެ މީހުންގެ ތެރެއިން ދެ ދިވެހިން ނޫން އެހެން ހުރިހާ އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.