އަޑުގަދަވާ ގޮތަށް ބާރަށް ސައިކަލު ދުއްވާ މީހުން ހޯދާ ފިޔަވަޅު އަޅަނީ

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު: ފޮޓޯ / ރައީސް އޮފީސް

އަޑުގަދަވާ ގޮތަށް ބާރަށް ސައިކަލު ދުއްވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ މީހުން ބޯލަނބާކަން ފާހަގަކުރެވޭ ކަމަށާއި ނަމަވެސް އެހެން މީހުންނަށް އުނދަގޫވާ ގޮތަށް ބައެއް މީހުންގެ އަމަލުތައް އެބަހުރި ކަމަށެވެ.

އެގޮތުން ސައިކަލުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަވާ ގޮތަށް ބާރަށް ސައިކަލު ދުއްވާ ކަމަށާއި އެފަދަ މީހުންނާއި ދެކޮޅަށް ހާއްސަ ހަރަކާތްތަކެއް ފުލުހުން ހިންގާނެ ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ މީހުންނަށް ދައުވާ ވެސް ކުރައްވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގައި ވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން 2010 ވަނަ އަހަރު ތަސްދީގު ކުރި ގޭންގު ކުށްތަށް މަނާ ކުރުމާ ބެހޭ ގާނޫނުގެ ދަށުން ސައިލެންސަރު މޮޑިފައި ކުރުމަކީ ކުށެކެވެ.

އެ ގާނޫނުގެ 10 ވަނަ މާއްދާގައި ގޭންގެއްގެ ބޭނުމަށް ހަތިޔާރެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެފަދަ އެއްޗެއް އުފެއްދުމަކީ ނުވަތަ ވިއްކުމަކީ ނުވަތަ ދިނުމަކީ ނުވަތަ ގެންގުޅުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ގާނޫނުގެ 23 ވަނަ މާއްދާގައި "ހަތިޔާރު"ގެ މާނައިގެ ތެރޭގައި "އަޑުގަދަވުމުން ސިއްސައިގެންދާގޮތަށް މޮޑިފައިކޮށްފައި ހުންނަ އެއްގަމު އުޅަނދުފަހަރު" ހިމަނާފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.